ކައުންސިލްތައް ބާރުވެރިކުރަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިތާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ގާނޫނުއަސާސީގެ އަށްވަނަ ބާބަށް ހުށަހެޅި އިސްލާހުތަކަކަކީ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެމީހުންގެ ނައިބުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރުމެވެ.

އަދި ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލުގައި ތަމްސީލުކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސުން ކަމުގައި ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން ދެން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލުތަކުގެ އުމުރު، ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމެވެ.

ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ފާސްވީ 66 މެމްބަރުންގެ ވޯޓުންނެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ތަޅުމަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށްފަހު، އެންމެ ފުރަތަމަ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބެއްގައި ކަމަށެވެ.

comment ކޮމެންޓް