އެލްޖީއޭގެ ބޯޑު މެމްބަރުންގެ އަދަދު ނުވައަކަށް އިތުރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެލްޖީއޭ ހާޒިރުކޮށް ސުވާލު ކުރަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލްޖީއޭގެ ބޯޑު މެމްބަރުންގެ އަދަދު ނުވައަކަށް އިތުރުކޮށް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ފާސްކޮށް ތަޅުމަށް ފޮނުވައިފި އެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ތިބެނީ ފަސް މެމްބަރުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ޖަވާދާރީވުމަށްޓަކައި ރައީސް އައްޔަން ކުރާ މިނިސްޓަރާއި، ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާކާރު އަންހެން މެމްބަރަކާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި، މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މެމްބަރެއް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުން ވަނީ އެ މެމްބަރުންގެ އިތުރުން އިތުރު ހަތަރު މެމްބަރެއް ބޯޑަށް ކަނޑައަޅަން ޖެހޭ ގޮތަށް ހުށަހަޅައިފައެވެ.

އެލްޖީއޭގެ ބޯޑު އެކުލަވާލަން ހުށަހެޅި ގޮތް

  1. ރައްޔިތުންގެ މަޖިލީހަށް ޖަވާދާރީވުމަށްޓަކައި ރައީސް އައްޔަން ކުރާ މިނިސްޓަރު
  2. ޖެންޑާ އިކުއަލިޓީ ދާއިރާއިން ތަޖުރިބާކާރު އަންހެން މެމްބަރެއް
  3. ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއް
  4. މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މެމްބަރެއް
  5. ސިޓީ ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއް
  6. އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއް
  7. ރަށު ކައުންސިލަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއް
  8. މާލީ ކަންކަމާ ގުޅޭ ވުޒާރާއިން ކަނޑައަޅާ އެ ވުޒާރާގެ މުވައްޒަފެއް
  9. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު

އެ ނުވަ ބޯޑު މެމްބަރުންގެ ތެރެއިން ޖެންޑާ އިކުއަލިޓީ ދާއިރާގެ ތަޖުރިބާކާރު އަންހެން މެމްބަރާއި، ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޖުރިބާކާރު މެމްބަރާއި، މަދަނީ ޖަމިއްޔާތަކުގެ ފަރާތުން ކަނޑައަޅާ މެމްބަރުު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

comment ކޮމެންޓް