ހައިކޯޓު ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އަލީ ސަމީރު އިންތިހާބުކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިންތިހާބުކޮށްފި އެވެ.

ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމު ހުސްވީ، މިދިޔަ އާދިއްތަ ދުވަހު އެ އެ މަގާމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާޙިމް އެ މަގާމުންސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފަނޑިޔާރު އަލީ ސަމީރު، ޖޭއެސްސީއަށް ހަމަޖައްސަން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެގި ވޯޓުންނެވެ. ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ ފަނޑިޔާރަކު ކަނޑައަޅަނީ އެ ކޯޓެއްގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.

އަބްދުއްރައޫފު ޖޭއެސްސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާގެ ނަން ލަފަޔަކަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ޖޭއެސްސީއަށް ފޮނުވާފައިވަނިކޮށެވެ. ނަމަވެސް ޖޭއެސްސީއަށް އެނާއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އޭނާގެ ނަން އަދި މަޖިލީގަށް ފޮނުވާފައި ނުވެއެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް އިންތިހާބު ކުރި އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓުގެ އިސް ގާޒީކަމާއި، ސިވިލްކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ.

އަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާޗް 26 ވަނަ ދުވަހު އެވެ.

comment ކޮމެންޓް