ބޮޑު ތިން ގަތުލާ ގުޅިގެން މަޒީދާއި ސާމިތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ރިލްވާން، އަފްރާޝީމް އަދި ޔާމީން: މި ތިން މީހުންގެ މަރާވެސް ގުޅެނީ، ހަރުކަށީ ފިކުރު ޖަމާއަތާ --

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވައި އެކަން ކުރުވި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މަރު ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި ދައުވާ ކުރަން ފޮނުވީ، ރާއްޖޭގައި ހަރަކާތްތެރިވާ އަލް-ގައިދާގެ ގޮފީގެ އިސް ދެ މީހުން ކަމަށް އެ ކޮމިޝަނުން ބުނާ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ކުރަން ޖެހޭ ކަންކަން ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް މަރު ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.

މަރު ކޮމިޝަނުން ޑރ. އަފްރާޝީމާއި ރިލްވާންގެ މަރާ ގުޅިގެން ތައްޔާރު ކުރި ރިޕޯޓުތަކުގައި ބުނެފައި ވަނީ އެ މީހުންގެ މަރުތަކުގެ އަޑީގައި ވަނީ މަޒީދާއި ސާމިތު، އިސްވެ ތިބި ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮތްފެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ އަޑީގައިވެސް ތިބީ އެމީހުން ކަމަށް ކޮމިޝަނުން ބުންޏެވެ.

އަލްގައިދާ ބްރާންޗުން އޮޕަރޭޝަންތައް ހިންގަނީ އެ ގްރޫޕުން ތަމްރީނު ކުރާ މީހުންގެ "ސެލްތައް" ބޭނުންކޮށްގެން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ޔާމީން ރަޝީދާއި ރިލްވާން މަރާލީ އެ ޖަމާއަތުގެ އެފަދަ ސެލްތަކުން ކަމަށްވެސް ރިޕޯޓުގައިވެ އެވެ. އެކަމަކު، އަފްރާޝީމް މަރާލީ، މާލޭގައި ކުށް ކުރާ ގޭންގެއްގެ ބަޔަކާ ކޮންޓްރެކްޓު އުސޫލުން ހަވާލުކޮށްގެން ކަމަވެސްވެ އެވެ.

އެ ޖަމާއަތުން އެ ތިން މީހުންވެސް މަރާލީ ދީނީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުތަކުގައިވެ އެވެ.

ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާއިން އެނގުނު ގޮތުގައި، ޖޫން، 2014ގައި އަލްގައިދާގެ ވެރިޔާ، އަބޫބަކުރު އަލް ބަގުދާދީ، އިސްލާމިކް ސްޓޭޓް އުފެއްދުމާ ގުޅިގެން ރާއްޖޭގެ އަލްގައިދާގެ ލީޑާޝީޕް ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އެއީ އަބޫބަކުރު އަލް ބަގުދާދީގެ އިސްލާމިކް ސްޓޭޓް (އައެސް) އަށް ބައިއަތު ހިފި ބަޔަކާއި ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓަށް ނިސްބަތްވާ އަލްގައިދާގެ ޖަމާއަތަށް ބައިއަތު ހިފި ބައެކެވެ.

ރިލްވާންގެ މަރުގެ ރިޕޯޓު ނެރުމަށް ފަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައި މަޒީދު ދިރިއުޅޭ ގާކޮށި ފްލެޓުވެސް ބަލައި ފާސްކުރި އެވެ. އެކަމަކު، ސާމިތު ދިރިއުޅޭގެ ބަލާ ފާސްކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު