ސައުތް އޭޝިއަން ގޭމްސް: ވަރުގަދަ ޕާކިސްތާން ބަލިކޮށް އަންހެން ޓީޓީ ޓީމު ސެމީއަށް

ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ރަފާ ނާޒިމް މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލް، ކަތަމަންޑޫ: ނޭޕާލްގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސައުތް އޭޝިއަން ގޭމްސްގެ އަންހެން ޓީޓީ ޓީމް އިވެންޓުން ރާއްޖެ ސެމީއަށް ދަތުރު ކޮށްފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ކުޅުނު މެޗުގައި ވަރުގަދަ ޕާކިސްތާން ބަލިކޮށް ރާއްޖޭގެ ޒުވާން އަންހެން ޓީމު ސެމީއަށް ދަތުރު ކުރީ 1-3 ގޭމުން މޮޅުވެގެންނެވެ. ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް މިއަދުގެ މެޗުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސެމީގައި ރާއްޖެ ވާދަކުރާނީ މުބާރާތް ކުރިއަށްދާ ނޭޕާލާ ދެކޮޅަށެވެ.

ނޭޕާލްގެ ލައިންޗޯރ ޓީޓީ ހޯލުގައި މިއަދު ރާއްޖޭގެ އަންހެން ޓީޓީ ޓީމު ކުޅުނު ފުރަތަމަ ގޭމުގައި ކުޅުނީ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ އައިޝަތް ރަފާ ނާޒިމް އެވެ. ޕާކިސްތާންގެ ސަނަމްއާ ވާދަކޮށް އެ މެޗު އޭނާ ކާމިޔާބު ކުރީ ސީދާ ތިންސެޓުންނެވެ. އެ މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 5-11.9-11 އަދި 8-11 އިންނެވެ.

ދެވަނަ ގޭމުގައި ކުޅެން ނުކުން ރާއްޖޭގެ އެންމެ ޒުވާން ކުޅުންތެރިޔާ ފާތިމަތް ދީމާ އަލީ ޕާކިސްތާންގެ ސަނާއާ ވާދަކޮށް ކުރި ހޯދީ 1-3 އިންނެވެ. އެ މެޗުގެ ފުރަތަމަ ސެޓުގައި އިދިކޮޅު ކުޅުންތެރިޔާ މެޗު ނިންމަން ޕޮއިންޓަކަށް ހަދާފައިވަނިކޮށް ފަހަތުން އަރައި ސެޓު ހޯދީ 12- 10 އިންނެވެ. ދެވަނަ ސެޓުގައި 5-11 އިން ބަލިވި ނަމަވެސް ޖެހިގެން އައި ދެ ސެޓު ފަސޭހަކަމާ އެކު ގެންދިޔައީ 7-11 އަދި 3-11 އިންނެވެ.

ތިން ވަނަ ގޭމުގައި ރާއްޖޭގެ ލައިސާ ފަތުހުﷲ ޕާކިސްތާންގެ ފަރުވާއާ ވާދަކޮށް ބަލިވީ 2-3 އިންނެވެ. ފަހު މެޗުގައި ވާދަކޮށް ރާއްޖެއަށް ސެމީގެ ޖާގަ ޔަގީންކޮށްދިނީ ދީމާ އެވެ. އެ މެޗުގެ ފުރަތަމަ ސެޓުން ދީމާ 13-15 އިން ބަލިވި އިރު ޖެހިގެން އައި ތިން ސެޓުން ކުރި ހޯދީ 7-11، 8-11 އަދި 4-11 އިންނެވެ.

މިފަހަރުގެ މުބާރާތަށް އަންހެން ޓީޓީ ޓީމު އައީ ބައިނަލް އަގުވާމީ މުބާރާތްތަކެއްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ. އެގޮތުން މިއަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓާއި ޑަބަލްސްގެ އިތުރުން ސިންގަލްސްއިން ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ޝަރަފުވެރި ރަންވަނަ ހޯދައިފަ އެވެ.

comment ކޮމެންޓް