ވަކިކުރުގެ ކުރިން ތުލުސްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްވެސް އިސްތިއުފާ ދެއްވައިފި

އިސް މެޖިސްޓްރޭޓްއެއްގެ ސުލޫކީ މައްސަލަތައް ބެލުމަށް ޖޭއެސްސީގެ މެމްބަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ޖޭއެސްސީ

ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް އައިނާނު އަލީ މުހައްމަދު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އައިނާނުގެ އިސްތިއުފާގެ ސިޓީ މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. އަދި އެ ސިޓީ މިހާރު މަޖީލިހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިނާނު އިސްތިއުފާ ހުށަހެޅުއްވި އިރު އޭނާ ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، ކޮމިޓީއިން ވަނީ އެ ނިންމުމަށް ތާއީދުވެސް ކޮށްފަ އެވެ.

ޖޭއެސްއީން ބުނީ އައިނާނުއާއި އަދުނާނު މެޖިސްޓްރޭޓް ކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވާފައިވަނީ އޭނާއާ ގޫޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ސާބިތުވެފައިވާތީ ކަމަށެވެ. އަދި އައިނާނުގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލެއް ކޮށްފިކަމަށް ކޮމިޝަނަށް އިއްތިފާގުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް އައިނާނުގެ މައްޗަށް ސާބިތުވީ ކޮން ސުލޫކީ މައްސަލައްކަމެއް ޖޭއެސްސީއިން ނުބުނެ އެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަށް ބަލަން ފަށައި، ޖޭއެސްސީން ވަނީ އައިނާނު ދެ މަސް ދުވަހަށް ސަސްޕެންޑްވެސް ކޮށްފަ އެވެ.

އައިނާނު މަގާމުން ވަކިކުރިއިރު ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން އާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމް ވެސް މަގާމުން މިއަދު ވަނީ އިސްތިއުފާދެއްވައިފަ އެވެ. އެ ދެ ބޭފޫޅުން ވެސް އިސްތިއުފާދެއްވިއިރު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ދެ ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީއިން ނިންމި ނިންމުމަށް ތާއީދުކޮށްފަ އެވެ.

comment ކޮމެންޓް