މާފަރު އެއާޕޯޓް ރަންވޭ ބޮޑުކުރުމުގެ މަސައްކަތަށް ޔޫއޭއީ ސަރުކާރުން ރުހުން ދީފި

ޔޫއޭއީގެ 48 ވަނަ ގައުމީ ދުވަހުގެ ޖަލްސާގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މާފަރު އެއާޕޯޓު ރަންވޭ ބޮޑުކުރުމުގެ މަސައްކަތަށް ޔޫއޭއީ ސަރުކާރުން ރުހުން ދީފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގެ 48 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮންނަނީ ހާއްސަ ގާތް ގުޅުމެއް ކަމަށާއި ހާއްސަކޮށް ރައީސް ސޯލިހު މިއަހަރުގެ ތެރޭ އެ ގައުމަށް ކުރެއްވި ދެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.

އެގޮތުން ޝާހިދު ވިދާޅުވީ، މާފަރު އެއާޕޯޓްގެ ރަންވޭގައި އޭ-380 މަރުކާގެ ބޯޓްތައް ޖެއްސޭވަރަށް އެތަނުގެ ރަންވޭ ބޮޑު ކުރަން ބިން ހިއްކުމާއި ރަންވޭ ހެދުމުގެ މަސައްކަތަށް އަބޫދާބީ ފަންޑުން ފައިސާ ހަމަޖައްސަން އެ ގައުމުގެ ސަރުކާރުން ރުހުން ދީފައިވާ ކަމަށެވެ. މިދިޔަ އާދިއްތަ ދުވަހު ދަތުރުތައް ފަށައި ރަސްމީކޮށް ހުޅުވި، އެ އެއާޕޯޓް ތަރައްގީކޮށްފައި ވަނީ ވެސް، އަބޫދާބީ ފަންޑުގެ އެހީގަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އަބޫދާބީ ފަންޑަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ބައިވެރިއެއް ކަމަށެވެ.

ޔޫއޭއީ އިން ފާއިތުވި އަހަރުތަކުގެ ތެރޭގައި އިޖުތިމާއީ ގޮތުންނާއި އުމްރާނީގޮތުން އަދި އިގްތިސޯދީގޮތުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އެގައުމުން ހޯދާފައިވާ ކުރިއެރުންތަކުން ރާއްޖެއަށް މިސާލު ނެގިދާނެ ކަމަށެވެ.

"ޔޫއޭއީ އަކީ އިންވެސްޓުމެންޓު ހަބެއް. އަދި ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއް. ޔޫއޭއީގެ ޕޮލިސީތަކުން ރާއްޖެއަށް މަންފާ ކުރާނެ. އެ ޕޮލިސީތަކުން ރާއްޖެއަށް މިސާލު ނެގޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރު ޔޫއޭއީގައި ބާއްވާ އެކްސްޕޯ 2020 ގައި ރާއްޖެއިން ބައިވެރިވާނެ ކަމަށާއި މިއީ ތަރައްގީގެ ޕޮލިސީތައް ހާސިލް ކުރުމަށް މުހިއްމު ކަމަކަށް ވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ޔޫއޭއީ އާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. މަލްޓިލެޓްރަލް އަދި ބައިލެޓްރަލް މަސައްކަތްތަކުގައި ދެގައުމުން ގުޅިގެން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް