މެޖިސްޓްރޭޓު ކޯޓުތަކުގެ ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

"ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޑީޖޭއޭ

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޯޓު އޮފިސަރުންނަށް އަމާޒުކޮށްގެން "ކޯޓު އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމް"ގެ ނަމުގައި މިއަދު ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރެވެ.

ޖުޑީޝަލް އެކެޑަމީން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ކޮންމެ ޖުޑީޝަލް ދާއިރާއަކުން ދެ ކޯޓު އޮފިސަރުން ހިމެނޭގޮތަށް މުޅި ޖުމްލަ 42 ކޯޓު އޮފިސަރުން ބައިވެއެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ހުރިހާ ކޯޓެއްގައިވެސް ކޯޓު އޮފިސަރުން އަމަލުކުރާ ގޮތް އެއްގޮތް ކުރުމާއި، އަދުލުއިންސާފާ ހަމައަށް ވާސިލުވުމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެއްހަމައަކުން އެންމެންނާ މެދު އަމަލުކުރެވޭނެ ފަދައަކުން ހުރިހާ ކޯޓު އޮފިސަރުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ކަމާގުޅޭ މައަލޫމާތާއި ތަޖުރިބާތައް ހިއްސާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ބުންޏެވެ.

އެ ޕްރޮގްރާމުގައި، ކޯޓުތަކުގެ އަސާސީ އުސޫލުތަކާބެހޭ މައުލޫމާތާއި، ޝަރީއަތް ފެށުމުގެ ކުރިން ފުރިހަމަވާންޖެހޭ ކަންކަމާ ބެހޭ މައުލޫމާތާއި، ޝަރީއަތުގެ މަޖިލީހުގައި ކުރަންޖެހޭ ކަންކަމާބެހޭ މައުލޫމާތާއި، ޝަރީއަތުގެ މަޖިލީސް ނިމުމުން ކުރަންޖެހޭ ކަންކަމާބެހޭ ގޮތުން މައުލޫމާތާއި، ޝަރީއަތުގެ މަޖިލީހާއި ކޯޓުގެ ހުރުމަތާބެހޭ މައުލޫމާތު ދިނުން ހިމެނޭ ކަމަށް ޑީޖޭއޭއިން ބުންޏެވެ. އަދި ކޯޓު އޮފިސަރުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑަށް ކޯޓު އޮފިސަރުން އަހުލުވެރިކުރުވުން ހިމެނޭ ކަމަށް ބުންޏެވެ.

comment ކޮމެންޓް