ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް ބުނެ ދައުވާ ކުރި މީހާގެ މައްސަލަ ބާތިލުކޮށްފި

ފެބްރުއަރީ 1، 2019: ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން ހިތްވަރުދީ އެކަމަށް ފައިސާ ހުށަހެޅި ކަމަށް ބުނެ ހއ. ހޯރަފުށި، ދަނބުމާގެ، އިބްރާހިމް ސަލީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކޮށްފި އެވެ.

ކުރީގެ ފޮލިސް ކޯޕްރަލެއް ކަމަށްވާ ސަލީމްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކުރީ އޭނާ "އެމްވީނިއުސް_1" އަދި "ރާއްޖެ7" ނަމުގައިވާ ޓްވިޓާ އެކައުންޓުން ރައީސް ޔާމީން އަވަހަރާކޮށްލަން ހިތްވަރުދީ އެކަމަށް ފައިސާ ހުށަހެޅި ކަމަށް ބުނެއެވެ. އެ މައްސަލައިގައި ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ސަލީމްގެ މައްޗަށް ކުރި ދައުވާ ސީޣާ ފުރިހަމަ ނުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވަނީ ނިންމަވައިފައެވެ. ނޮވެމްބަރު 19ގައި ގާޒީ އިސްމާއިލް ރަޝީދު އިއްވެވި ހުކުމުގައި ވަނީ އެ މައްސަލަ ބާތިލުކުރައްވައިފަ އެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުން ދައުލަތުން އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ބ)އާ ހިލާފަށެވެ. 82 ވަނަ މާއްދާގެ (ބ)ގައި ބުނަނީ ކުށުގެ ތުހުމަތު ކުރެވޭ މީހާ ކުށެއްގެ ގޮތުގައި ކުރި އަމަލާއި، ކުށް ކުރި ވަގުތާއި ތަން ދައުވާ ސީޣާގައި ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. ހުކުމުގައިވާ ގޮތުން ސަލީމްގެ މައްޗަށް ކުރި ދައުވާގެ ސީޣާއިން އޭނާ ކުށް ކުރި ވަގުތާއި ތަން އެނގެން ނެތެވެ. 82 ވަނަ މާއްދާގެ (ބ)އާ ހިލާފު ވަނީ އެހެންވެ އެވެ.

ސަލީމް ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދީ ކުރީ ކޮން ޓްވީޓެއް ކަމެއްވެސް ދައުވާ ސީޣާގައި ނެތްކަން، ސަލީމްގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ފާހަގަކުރައްވައިފައެވެ. އަދި ރައީސް ޔާމީން އަވަހާރަކޮށްލަން ހިތްވަރު ދިން ކަމަށް ދައުވާގައި ބުނާއިރު، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ސަލީމަށް ކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި ރޭވުމަކީ ދެ ކުށެކެވެ. ސަލީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން "ރޭވުމުގެ" ދައުވާ ކުރި އިރު، އެ ދައުވާގައި ބުނެފައި ވަނީ އޭނާ ރައީސް ޔާމީންގެ މަރާލަން "ހިތްވަރު ދިން" ކަމަށެވެ. ސަލީމް ކުރީ ރޭވުމުގެ ކުށްތޯ ހިތްވަރު ދިނުމުގެ ކުށްތޯ އިބްތިދާއީ މަރުހަލާގައި ސާފު ކުރުމުން، ދައުލަތުން ބުނެފައި ވަނީ އޭނާ ކުރީ ރޭވުމުގެ ކުށް ކަމަށެވެ. އެހެންނަމަވެސް، ފަހުން ދައުވާ ތަފްސީލުތައް އިސްލާހު ކުރަން ދައުލަތުން އެދުނެވެ. ޝަރީއަތުން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ.

އެ ދައުވާ ސަލީމްގެ މައްޗަށް ސާބިތުވި ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް މިހާރު ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް