އިންފްރާސްޓްރަކްޗާ ކޮންޓްރެކްޓާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

އިންފްރާސްޓްރަކްޗާ ކޮންޓްރެކްޓާ ގުޅޭ ކޮންފަރެންސު ފެށުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އިންފްރާސްޓްރަކްޗާ ކޮންޓްރެކްޓާ ގުޅޭ ކޮންފަރެންސެއް ފަށައިފި އެވެ.

"ކޮމާޝަލް ލޯ ޑިވެލޮޕްމެންޓް ޕްރޮގްރާމް، ފިޑިކް ސްޓޭންޑާޑްސް އިން އިންފްރާސްޓްރަކްޗާ ކޮންޓްރެކްސްޓްސް"ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ކުރިއަށްގެންދާ މި ކޮންފަރެންސުގައި ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ، އެޓާނީ ޖެނެރަލްގެ އޮފީސް އަދި އެޗްޑީސީ އާއި އެމްޓީސީސީ، އެސްޓީއޯ އަދި ޕްލޭނިން މިނިސްޓްރީގެ ލީގަލް ޓީމުތަކުން ބައިވެރިވެ އެވެ.

ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސަރުކާރުގެތަރައްގީގެ އެޖެންޑާގައިވާ ކަންތައް ހާސިލް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އިންފްރާސްޓްރަކްޗާގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވާ ކަމަކީ މި މަޝްރޫއުތައް ކުރިއަށް ގެންދެވެނީ އެންމެ ރަނގަޅަށް ކަން. ކޮންޓްރެކްޓް މެނޭޖުމެންޓާ ގުޅޭ ކަންތައް ހަރުދަނާ ކަމާއެކު ކުރިއަށް ގެންދިޔުން،" ޝަރީފް ވިދާޅުވި އެވެ.

އިންފްރާސްޓްރަކްޗާ ކޮންޓްރެކްޓާ ގުޅޭ ކޮންފަރެންސު ފެށުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"ބޮޑެތި މަޝްރޫއުތައް ކުރިއަށް ރާވާފައިވާ އިރު، ކޮންޓްރެކްޓަރުންނަށް ހުރި ރިސްކުތައް ކުޑަކޮށް، ކޮންސްޓްރަކްޝަން ކޮންޓްރެކްޓުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ އަމާޒު. ކޮންޓްރެޖްޓަރުގެ އިންޓްރެސްޓުވެސް އަޅުގަނޑު މެންނަށް މުހިއްމު،" ސްޓޭޓު މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ސަބަބުން ހަމައެކަނި ކޮންޓްރެކްޓުތަކުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ހިޔުމަން ކެޕިޓަލް އަށް ވެސް ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެލައްވަނީ ފިޑިކްގެ ތަޖުރިބާކާރުންނެވެ. އެގޮތުން އެމެރިކާ ނިއުޒިލޭންޑް އަދި ސިންގަޕޫރުގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު އިންޖިނިއަރުންނާއި ލީގަލް ފަންނުގެ ބޭފުޅުން މި ޕްރޮގްރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެ ލައްވާނެ އެވެ.

comment ކޮމެންޓް