ސަސްޕެންޑްކޮށްފައިވާ ކުރިމިނަލް ކޯޓްގެ އިސް ގާޒީ، އަހުމަދު ހައިލަމް ގާޒީކަމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް އަންގަވައިފި އެވެ.
ހައިލަމް އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ކަނޑައަޅައި އޭނާ ގާޒީކަމުން ވަކިކޮށް ދިނުމަށް މަޖިލީހުގައި ވަނީ އެދިފަ އެވެ. އަދި އެ މައްސަލަ ޖޭއެސްސީއިން ހިންގާފައިވާ ގޮތް ޖުޑީޝަރީ ކޮމިޓީއިން ބަލައި އެ ނިންމުމަށް ތާއީދުކުރަން އެ ކޮމިޓީއިން ވަނީ ފާސްކޮށް، ތަޅުމަށް ރިޕޯޓް ފޮނުވައިފަ އެވެ.
އިއްޔެގެ ތާރީހުގައި ހައިލަމް ސޮއިކުރައްވައި ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް ޖޭއެސްސީއިން ހިންގި ތަހުގީގާ ގުޅިގެން، އޭނާ ޖޭއެސްސީއަށް ފޮނުވި ސިޓީތަކުގައި ހުރި އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް އޭނާ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.
ހައިލަމްގެ އިސްތިއުފާގެ ސިޓީގައި އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޖޭއެސްސީއިން އޭނާގެ މައްޗަށް ހިންގި ތަހުގީގަކީ ސިޔާސީ ނުފޫޒު އޭގެ ތެރެއަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވަދެފައިވާ ތަހުގީގެކެވެ. ހައިލަމް ވިދާޅުވި ގޮތުގައި، ޖޭއެސްސީއިން މަސައްކަތް ކުރަނީ ޝަރޫއީ ދާއިރާ އިސްލާހު ކުރުމަށް ވުރެ ބޮޑަށް ވަކި ސިޔާސީ ބައެއްގެ މުށުތެރެއަށް ޝަރުއީ ދާއިރާ ލުމަށެވެ.
"އަޅުގަނޑު ސަސްޕެންޑްކޮށްފައި ވަނީވެސް އަދި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީވެސް، ގާނޫނީ ހަމަތަކާއި އުސޫލުތަކުން ބޭރުން ކަމުގައިވީ ހިނދު، އަދި ޖުޑީޝަލް ސާވިސަސް ކޮމިޝަނުން މިއަދު މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރު ގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި ކަމަށްވާތީ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެކަންކަމަށް ހިތާމަކުރާ ހާލު މިއަދުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާދީފީމެވެ،" ހައިލަމްގެ ސިޓީގައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވަން ތާވަލްކޮށްފައި ވަނިކޮށް މިދިޔަ ނޮވެމްބަރު ފަސްވަނަ ދުވަހު ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާ މަންޒަރު ފެންނަ ކާޓޫނަކާ އެކު އޭނާ ނޮވެމްބަރު ތިނެއްގެ ތަހުނިޔާ ވައިބާ ގުރޫޕެއްގައި ވިދާޅުވި މައްސަލަ ފެންމަތިވެގެން އެވެ.
އެ ތަހުގީގަށް ޖޭއެސްސީއަށް ހާޒިރުވާން ހައިލަމް ދެކޮޅު ހައްދަވާފައިވަނިކޮށް ފުލުހުން ވަނީ، ސިޔާސީ ބޭފުޅެއް ކަމަށްވާ، ކުރީގެ މެންބަރު އަލްހާން ފަހުމީ ހައިލަމްގެ އެކައުންޓަށް 200،000 ރުފިޔާ ޖަމާކުރި މައްސަލަ ސަމާލުކަމަށް ގެނެސްފަ އެވެ. އެ މައްސަލަވެސް ޖޭއެސްސީއިން ދިޔައީ ބަލަމުން އެވެ.