ވާނުވާ ޖެހުމަށް ހައްލު ހޯދާނަން، މުވައްޒަފުން ފޮތްކިޔަން ލާޒިމުކުރާނަން: ޝަމީމް

ޑިސެމްބަރ 2، 2019: ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހ. ހިޔާކަން ހުސައިން ޝަމީމު އާއި ޖުޑިޝަރީ ކޮމިޓީން އިންޓަވިއު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ލިބިއްޖެނަމަ ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ވަކި މުއްދަތެއް ނެތި ބަންދުކުރާ މައްސަލަ ނުވަތަ "ވާނުވާ ޖެހުމަށް" ހައްލެއް ހޯއްދަވާނެ ކަމަށާއި، ޕީޖީ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ހަފްތާއަކު އެއް ގަޑިއިރު ފޮތްކިޔުމަށް ލާޒިމުކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ނޮމިނޭޓުކުރައްވާފައިވާ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖިނާއީ އިޖުރާއަތުގެ ދަށުން، މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހާ، ނުވަތަ ޝަރީއަތް ފެށުމަށްފަހުވެސް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ލިބޭ އިރު، މިފަދަ އަމުރުތަކަށް ވައްބަހުން ކިޔައި އުޅެނީ "ވާނުވާ ޖެހުން"އެވެ.

މިފަދަ އަމުރުތަކުގެ ދަށުން އެކި ކުށްކުށުގައި ދިގު މުއްދަތަށް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ މައްސަލަ ބޮޑުވެފައި އޮތް އިރު، ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލެއްވި ގާނޫނީ ވަކީލު ހުސައިން ޝަމީމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކުރިއަށް ގެންދިޔަ އިންޓަވިއުގައި މެމްބަރުން ވަނީ މިކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކުރީގެ ޑެޕިއުޓީ ޕީޖީކަންވެސް ކުރައްވާފައިވާ ޝަމީމް ވިދާޅުވީ "ވާނުވާ ބަންދު"ގައި މީހުން ތިބުމަކީ އޭނާ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަން ހައްލުކުރުމަކީ އޭނާ މަގާމަށް އައްޔަނުވެއްޖެނަމަ ހައްލުކުރުމަށް ގަސްދުކުރާ އެންމެ ބޮޑު އެއް ކަންތައް ކަމަށެވެ.

ޑިސެމްބަރ 2، 2019: ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހ. ހިޔާކަން ހުސައިން ޝަމީމު އާއި ޖުޑިޝަރީ ކޮމިޓީން އިންޓަވިއު ކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އޭގެ މާނައަކީ ކުށްވެރިން ބަންދުން ދޫކުރާނީއެކޭ ނޫން. މީހުން މަރުމުގެ ތުހުމަތުގައިވާ މީހުން ދޫކޮށްލައިފިއްޔާ ކަމަކު ނުދާނެ. ނަމަވެސް ޑްރަގް ޓްރެފިކިންގް މައްސަލައެއްގައި މީހަތު ހަތަރު ފަސް އަހަރު ވަންދެން ޝަރީއަތް ނިމެންދެން ޖަލުގައި ބެހެއޤޓުމަކީ ރަނގަޅު ގޮތެއް ކަމަކަށް ނުބެލެވޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އޭނާ ދޫކުރައްވަން ބޭނުންވަނީ ރަނގަޅު ޝަރުއީ ނިޒާމަކާއި ރަނގަޅު ޖިނާއީ އަދުލުގެ ނިޒާމެއްގެ ލެގަސީއެކެވެ.

"ވާނުވާ ޖަހައި ބަންދުގއި މީހުން ނުތިބޭ، ކޮރަޕްޝަން ނެތް، ރަނގަޅު ފެންވަރުގެ ޝަރީއަތް ހިނެގޭ، އަދި މިނިވަންކަމާއެކު ރަނގަޅަށް ވާހަކަދެއްކޭ ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް އަޅުގަނޑު މި މަގާމަށް ކުރިމަތިލެއްވީ،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޝަރީއަތް ނިމެންދެން ނުވަތަ ތހަުގީގު މަރުހަލާގައި ބަންދުކޮށްފައި ތިބޭ މީހުން ބަންދުކޮށްފައި ތިބީ ރަނގަޅަށްތޯ ބެލުމާއި، އެމީހުންގެ ހާލު ބެލުން ފަދަ ކަންކަން ކުރުމަކީ ގާނޫނުން ޕްރޮސެކިއުޓަރ ޖެނެރަލަށް މަތިކޮށްފައި އޮންނަ ޒިންމާއެއް ކަމަށާއި، ނަމަވެސް މިހާތަނަށް އެކަން އެގޮތަށް ކުރެވިގެން އައިކަމަށް ނުބެލެވޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ވަރަށް އާދަޔާޚިލާފު ކަމެއްގައި ނޫނީ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ ތަސައްވަރަކީ ބަންދުގައި ބަހައްޓަން ޖެހިއްޖިއްޔާވެސް، ވީހާވެސް ކުރު މުއްދަތަކަށް ބެެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން،"

https://sun.mv/128262

މިއީ އެއް ދުވަހުން ނުވަތަ ދެ ދުވަހުން ހާސިލުވެދާނެ ކަމެއް ނޫން ނަމަވެސް، ޝަމީމް ވިދާޅުވީ ރޭވިގެން އަންނަ ގޮތްތަކެއްގެ ތެރެއިން އެ ނަތީޖާ ހާސިލުކުރުމަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ގާނޫނާއި ގާނޫނުލްއުގޫބާތަކީ ވަރަށް ބޮޑެތި ގާނޫނުތައް ކަމަށާއި، އެ ގާނޫނުތައް ކިޔައި، ދަސްކޮށް އަދި އެއަށް އަހުލުވެރިވުމަށް މަސައްކަތަކަށް ބައެެއް ފަނޑިޔާރުން ގޯސްކޮށް ނިންމުންތައް ނިންމާފައި އެބަހުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތައް ޖޭއެސްސީއަށް ހުށަހެޅިފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކޮށްފިނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ މުވައްޒަފުންނަށް ހަފްތާގެ ވަކި ދުވަހެއްގައި ފޮތް ކިޔުމަށް ހާއްސަ ވަގުތެއް ކަނޑައަޅާނެ ކަމަށެވެ. އަދި މިއީ މީގެ ކުރިންވެސް އޭނާ އެ އޮފީހުގައި މަސައްކަތްކުރެއްވި އިރު ތަންފީޒުކުރަމުން ދިޔަ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ކޮންމެ އެއްޗެއް ވިޔަސް، ގާނޫނު އަސާސީ ވިޔަސް، ގާނޫނެއް ވިޔަސް، ކޯޓަކުން އިއްވި ހުކުމެއް ވިޔަސް، އެ ގަޑިއަކީ އެހެން ކަމެއް ނުކޮށް ފޮތްކިޔަން އިންނަޖްހޭ ގަޑިއެއް ކަމަށް [ހަދާނަން]. އެއީ ކުރިންވެސް އިންޓާނަލީ ކުރަމުން އައި ކަމެއް. އެކަން އަލުން ތައާރަފުކޮށް ކުރިއަށް ގެންދާނަން އަދި އެކަމަށް ހިތްވަރުލިބޭ ޕޮލިސީސް ތައާރަފުކުރާނަން،" އޭނާ ވިދާޅުވިއެވެ.

މިރޭ ޖުޑިޝަރީ ކޮމިޓީގައި ކުރިއަށް ދިޔަ އިންޓަވިއުއަށްފަހު ކޮމިޓީން ވަނީ ޝަމީމް ޕީޖީގެ މަގާމަށް އައްޔަނުކުރުމަށް ފެންނަކަމަށް ފާސްކޮށް، އެގޮތަށް ކޮމިޓީގެ ރިޕޯޓު އެކުލަވާލުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމާފައެވެ.

comment ކޮމެންޓް