ސައުތު އޭޝިއަން ގޭމްސް: މިފަހަރުވެސް އަންހެން ވޮލީ ޓީމަށް ހަތަރުވަނަ

ސައުތް އޭޝިއަން ގޭމްސްގެ ތިންވަނަ ހޮވާ މެޗުގައި މިއަދު ރާއްޖެއާ ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

(ކަތަމަންޑޫ، ނޭޕާލް): ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީގައި މިފަހަރުވެސް ތިންވަނަ ހޮވާ މެޗުން ސްރީލަންކާ އަތުން ބަލިވެ، ރާއްޖެ ހަތަރުވަނައަށް ގޮސްފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު ތިންވަނަ ހޮވާ މެޗުން ރާއްޖޭގެ އަންހެން ޓީމުގެ މައްޗަށް ލަންކާ ޓީމުން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 25-13، 25-18 އަދި 25-08 އިންނެވެ. ގްރޫޕް ސްޓޭޖުގައިވެސް ރާއްޖެ ކުޅުނު ހަމައެކަނި މެޗުގައި ލަންކާ އަތުން ބަލިވީ ތިން ސެޓުންނެވެ. އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައިވެސް ލަންކާ އަތުން ބަލިވެ ރާއްޖެއަށް ލިބުނީ ހަތަރު ވަނައެވެ.

ސައުތް އޭޝިއަން ގޭމްސްގެ ތިންވަނަ ހޮވާ މެޗުގައި މިއަދު ރާއްޖެއާ ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ރާއްޖޭގެ އަންހެން ޓީމު މިފަހަރުގެ ސެމީއަށް އެއް މެޗު ކުޅެގެން ދަތުުރު ކުރީ ފުރަތަމައިން ކުޅެން އޮތް މެޗުގެ ކުރިން ޕާކިސްތާނުން މުބާރާތުގައި ވާދަ ނުކުރަން ނިންމުމުންނެވެ. އެހެން ކަމުން އެ މެޗުން ރާއްޖެެ މޮޅުވީކަމަށް ނިންމާ ސެމީއަށް ރާއްޖެ ދިޔަ އިރު ސެމީގައި ކުޅެން ޖެހުނީ ސަރަހައްދީ އެންމެ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު ސީދާ ތިން ސެޓުން ފަސޭހަކަމާއެކު އިންޑިއާއިން ވަނީ ކާމިޔާބު ކޮށްފައެވެ.

މިއަދުގެ ފުރަތަމަ ސެޓުގައި ރާއްޖެއިން ރަނގަޅު ރޫހެއްގައި ފަށައި ހަމަހަމަ ކުޅުމެއް ދެއްކި ނަމަވެސް ސެޓުގެ މެދަކާ ހަމައިން ކޮންޓްރޯލް ގެއްލި ލަންކާއިން ލީޑު ފުޅާކުރި ގޮތަށް ސެޓު ގެންދިޔައީއެވެ. ފުރަތަމަ ސެޓުން ލިބުނު ނާކާމިޔާބީއާއެކު ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ މޮޅުވުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލަންކާގެ ތަޖުރިބާކާރު ކުޅުންތެރިންގެ ހުނަރާއެކު އެ ސެޓުވެސް ރާއްޖެއަށް ގެއްލުނީއެވެ. ތިންވަނަ ސެޓަށް ރާއްޖެ ނުކުތް އިރު އުންމީދު ގެއްލިފައި ވުމުން އެ ސެޓު ލަންކާއިން ވަނީ ފަސޭހަކަމާއެކު ގެންގޮސްފައެވެ.

މިފަހަރުގެ މުބާރާތަށް ޓީމު ވަނީ ރަނގަޅަށް ތައްޔާރުވެފައެވެ. ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯނުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހޯދައިފައެވެ. ފައިނަލުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ ތިން ސެޓުންނެވެ.

މިފަހަރުގެ މުބާރާތުގައި ވެސް އަންހެން ޓީމު ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ، ކުރީ ފަހަރުގެ މުބާރާތުގައިވެސް ގައުމީ އަންހެން ވޮލީ ޓީމަށް ކޯޗުކަން ކޮށްދިން އަހުމަދު އަދީލް (ބޭބެ)އެވެ. ބޭބެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މެޗުގައި އެންމެ ބޭނުންވި ވަރަށް ނުކުޅެވުނުކަމަށާއި މި ފަހަރު އަމާޒު ހިފީ ތިންވަނަ ހޯދުމަށް ކަމަށާއި އެކަން ހާސިލުނުވުމަކީ ދެރައެއްގެ ގޮތުގައި ދެކޭކަމަށެވެ.

"އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސްގައި ވެސް ލިބުނީ ހަތަރުވަނަ. މި ފަހަރު ބޭނުންވީ އެ އަށް ވުރެން ތަންކޮޅެއް މައްޗަށް ޖައްސާލަން. އެކަން ނުވެދިޔައީ. އަސްލު ބޭނުންވި ވަރަށް މި މެޗުގައި ފަހުން ނުކުޅެވި މިސްޓޭކްވެސް ގިނަކޮށް ފެނުނީ. އެހެން ނަމަވެސް ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން،" ބޭބެ ބުންޏެވެ.

ރާއްޖޭގެ ފިރިހެން ވޮލީ ޓީމު މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. ފިރިހެން ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނީ ލަންކާ އަދި ޕާކިސްތާނާ ދެކޮޅަށެވެ. އެ ދެ މެޗުންވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ.

comment ކޮމެންޓް