ސައުދީ ރަސްގެފާނުގެ ބޭބޭފުޅު އަވަހާރަވުމުން ރައީސް ތައުޒިއްޔާ ވިދާޅުވެއްޖެ

މިއަދު އަވަހާރަވި ސައުދީ އަރަބިއްޔާގެ ޕްރިންސް މުތުއަބު-- ޕްރިންސް މުތުއަބަކީ ސަލްމާން ރަސްގެފާނުގެ އެއްބަފާ ބޭބޭފުޅު ---

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އާލް ސައުދުގެ އެއްބަފާ ބޭބޭފުޅު ޕްރިންސް މުތުއަބު ބިން އަބްދުލްއަޒީޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.

މިއަދު އަވަހާރަވި ޕްރިންސް މުތުއަބަކީ ސައުދީ އަރަބިއްޔާގެ ދައުލަތް އުފެއްދެވި ރަސްގެފާނު އަބްދުލްއަޒީޒް އިބްނު ސައުދަށް ލިބިވަޑައިގެންނެވި ބޭބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި އެންމެ ދޮށީ ދަރިކަލުންނެވެ.

ޕްރިންސް މުތުއަބު އަވަހާރަވި ޚަބަރު ސައުދީގެ ޝާހީ ގަނޑުވަރުން އިއުލާނުކޮށްފައިވާ އިރު، މުތުއަބުގެ ޖަނާޒާ އޮންނާނީ މާދަމާއެވެ.

ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ސައުދީ ރަސްގެފާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، ސައުދީގެ ޝަހީ އާއިލާއަށް ކުރިމަތިވި ހިތާމައިގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝާހީ އާއިލާއަށް ތައުޒިއްޔާ ވިދާޅުވާ ކަމަށެވެ.

ޕްރިންސް މުތުއަބު ވަނީ މީގެ ކުރިން މައްކާ ޕްރޮވިންސްގެ ގަވަރުނަރުކަން ކުރައްވާފައެވެ. އަދި ރަސްގެފާނު ޚާލިދުގެ ރަސްކަމުގައި ސައުދީގެ ޕަބްލިކް ވޯކްސް މިނިސްޓަރުކަމާއި، 1980 އިން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް ސައުދީގެ މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވިއެވެ.

comment ކޮމެންޓް