އަހަރު ނިމެނީ، ޗުއްޓީ ނަގައިފިންތަ؟

އޮގަސްޓް 17، 2018: ބޮޑު އީދައް މާލޭގައި ދިރިއުޅޭ މީހުން ރަށްރަށަށް ފުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރެމެންގެ ތެރެއިން އެއްބަޔަކު ތިބޭނީ އެއްދުވަސްވެސް ޗުއްޓީއެއްވިއްޔާ ނުލިބިފަ އެވެ. އަނެއްބަޔަކުނަމަ އަހަރުވިޔަސް، ދެ އަހަރުވިޔަސް، ބަލި އެނދުގައި އޮންނަން ނުޖެހޭނަމަ ޗުއްޓީއަކަށް ފަރުވާލެއް ނެތެވެ. އެހާވެސް މަސައްކަތަށް ޝައުގުވެރިވެފައި އެކަން ދެކެ ލޯބިވަނީ އެވެ.

ކޮންމެއަކަސް، ވަޒީފާއަކީ ވަޒީފާއެވެ. ސިކުނޑި ހަމަ ޖައްސާލާ އަރާމުކޮށް، އާއިލާއާއި ގާތް ރަހުމަތްތެރިންނާއި އެކީ ވަގުތު ހޭދަކޮށްލުމަކީ ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވާ އަދި ލިބެންޖެހޭ މުހިންމު ހައްޤެކެވެ.

ޗުއްޓީއެކޭ ބުންޏަސް، ހުރިހާ އެންމެން ކޮންމެހެން ބޮޑު ދަތުރަކު ދާކަށް ނުޖެހެއެވެ. ނޫނީ ކޮންމެހެން އެ ދުވަސްތައް އޮފީހުން ހުސްކޮށްލަނީ އެހެން މާ ބޮޑު ޒިންމާއެއް އޮންނާތީއެއްވެސް ނޫނެވެ. ގޭގައި އެކަނި އޮންނަން ޖެހުނަސް، މިއީ ލިބޭތާ ލިބިގަންނަންޖެހޭ މުހިންމު ދުވަސްތަކެކެވެ.

ޗުއްޓީ ނުނަގާނަމަ މާބޮޑަށް ސްޓްރެސް ވެދާނެ

ކޮންމެ ބައްޔަކީ ސީދާ ފެންނަން ހުންނަ ކަމެއް ނޫނެވެ. ގަވާއިދުން ދުވަހުން ދުވަހަށް ބުރަ ބޮޑު މަސައްކަތްކުރަމުންދާނަމަ، ކޮންމެވެސް ހިސާބަކުން މީހާގެ ހަށިގަނޑާއި، ސިކުނޑި ވަރުބަލިވެދާނެ އެވެ. އަދި މީހާ މާބޮޑަށް ހާސްވެ، ސްޓްރެސްގެ އަވައިގައި ޖެހިދާނެ އެވެ. ފުރަތަމަކޮޅު ސްޓްރެސްވާކަން ބުނެދޭން ނޭގުނަސް، ގިނަ ދުވަސްވެ ހައްލެއް ނުލިބި އޮންނަންޖެހިއްޖެނަމަ ކްރޯނިކް ސްޓްރެސްއަށް ބަދަލުވެދާނެ އެވެ.

ކްރޯނިކް ސްޓްރެސްގެ ސަބަބުން ބޮލުގައި ރިއްސުމާއި، ބްލަޑް ޕްރެޝާގެ މައްސަލަަތަކާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ފަދަ ބަލިތައްވެސް ދިމާވުމުގެ ފުރުސަތު ބޮޑެވެ.

ޗުއްޓީއެއް ބޭނުންވާކަމުގެ ނިޝާންތައް

މަސައްކަތުގެ އެކި މާހައުލުތަކުގައި ދިމާވާ ކަންކަންވެސް ތަފާތުވާނެއެވެ. ޑެސްކެއްގެ ދޮށުގައި އިށީދެގެން އިންނަ މީހާގެ ހަށިގަނޑާއި ސިކުނޑިއަށް ކުރާ އަސަރާއި، ގަދަ އަވީގައި އެއްޗެހި އުފުލާ ނުވަތަ ކޮންސްޓްރަކްޝަން ސައިޓްތަކުގައި އުޅޭ ފަރާތްތަކާއިވެސް ތަފާތުވާނެއެވެ.

އެހެންނަމަވެސް މި ހިމަނާލާފަދަ މައްސަލަތަކެއް މާ ގިނައިން ދިމާވާ ކަމުގައިވާނަމަ އެދޭ އެއް ސިގްނަލަކީ މަސައްކަތުން ކުޑަ ބްރޭކެއް ނަގާލާށޭ އެވެ.

  • މަސައްކަތަށް ބޭނުންވާ ޖޯޝު ގެއްލި ވަރުބަލިވެފައިހުރުން
  • މަސައްކަތްކުރަން ޝައުގު ނެތުން
  • މާ އަވަސްއަވަހަށް ރުޅިއިސްކުރެވި، މީހާ ނުތަނަވަސްވެފައި ހުރުން
  • ކުދިކުދި ބަލިތައް ގިނަވުން
  • ނިދަން އުނދަގޫވުން
  • ސަމާލުކަން ދޭން އުނދަގޫވުން

މި ނޫނަސް އެމީހަކު ކުރަމުން ގެންދާ މަސައްކަތަކާއި ގުޅޭހެން އަދި އިތުރު މައްސަލަތަކެއް ނުކުމެދާނެ އެވެ.

މީހާ އުފެއްދުންތެރިކޮށް، ކުރިއަރުވައިދޭނެ

އުފެއްދުންތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް މިފަދަ ޗުއްޓީތަކަކީ އަދި ވަރަށް ބޮޑަށްވެސް މުހިންމު ދުވަސްތަކެކެވެ. އެއްފަހަރާއި ދިގު ޗުއްޓީއަކަށް ދިއުމުގެ ބަދަލުގައި ބޭނުންނަމަ ކުރު ޗުއްޓީތަކެއް ދޭތެރެއަކުން ނެގުމުގެ ފުރުސަތު މިހާރު އޮންނައިރު، އެމީހެއްގެ އުފެއްދުންތެރިކަން މާބޮޑަށް ދަށްވެ، މަސައްކަތް މަތީން ފޫހިވާނަމަ ޗުއްޓީއަކަށް ގޮސްލުމަކީ މުހިންމު ކަމެކެވެ.

ކާމިޔާބު ޕޮޑްކާސްޓް ހުށަހެޅުންތެރިއެއް ކަމުގައިވާ ރޯމަން މާރސް ބުނާގޮތުން ޗުއްޓީއެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އޭނާ ކުރާ ބައެއްކަންކަމުގެ ތެރޭގައި، ހުރިހާކަމެއް ވަކި ޝެޑިއުލަކުން ކުރުމުގެ ބަދަލުގައި ކަންކަން ތަންކޮޅެއް ލަސްކޮށް، ހަމަޖެހިލާ، ސޯޝަލް މީޑީއާތަކާއި ފޯނުތަކާއި ދުރުވެ، އެ ވަގުތުކޮޅުގެ ހިތްހަމަޖެހުން އަމިއްލައަށް ހާސިލްކުރުން ހިމެނެއެވެ.

އެހެންކަމުން މިއަހަރު ނިމުމުގެ ކުރިން ބާކީ މިއޮތް މަދު ދުވަސްތަކުގައި އެނުއަލް ލީވް އިން ދުވަސްތަކެއް ލިބެން އޮތްނަމަ އަވަހަށް ޗުއްޓީއެއް ނަގާށެވެ. ހިތްހަމަޖައްސާލާ، އުފާ ކޮށްލުމަށެވެ. އާ އަަހަރު ފަށަންވާނީ ގައިމުުވެސް "ޕޮޒިޓިވް ނޯޓް" އެއްގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު