ސްޓީލް ޖަލެއް ރާއްޖެ ގެންނަން 16 މިލިއަން ރުފިޔާ ހަރަދުކުރި މައްސަލައެއް ބަލަނީ

މާލޭ ޖަލު ---

ކުރީގެ ސަރުކާރުން ސްޓީލް ޖަލެއް ރާއްޖެ ގެނެސް އެ ޖަލު ރޭވުމުގެ ހަރަދާ އެކު ޖުމްލަ 16 މިލިއަން ރުފިޔާ ހަރަދުކުރުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަން ލަފާދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކުރި 2016 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކަރެކްޝަންސް ސާވިސްގެ ބޭނުމަށް ތަންތަނަށް ގެންދެވޭ ކަހަލަ ރާވާ ސްޓީލް ޖަލެއް ގެނައުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް 9.54 މިލިއަން ރުފިޔާ ރާއްޖެއިން ބޭރުގެ ކުންފުންޏަކަށް އެޑްވާންސަށް ދީފައިވެ އެވެ.

މި ފައިސާ އަކީ މާލިއްޔަތު ގަވައިދާ ހިލާފަށް ދޫކޮށްފައިވާ އެޑްވާންސް ފައިސާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އެ ސްޓީލް ޖަލު ބެހެއްޓުމަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މި ހަރަދަކީ މާލިއްޔަތު ގަވައިދުގައިވާގޮތަށް ޓެންޑާ ބޯޑަށް ހުށަހަޅާފައި ނުވާ އަދި އިކޮނޮމިކް ކައުންސިލުންވެސް ފާސްކޮށްފައި ނުވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މާލިއްޔަތު ގާނޫނު އޮންނަ ގޮތުން 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަސައްކަތެއް ދައުލަތުގެ އެއްވެސް އޮފީހަކުން ބަޔަކާ ހަވާލުކުރަން ވާނީ، ޓެންޑާ ބޯޑަށް ހުށަހަޅައި ވާދަވެރި ބީލަމަކަށް ގޮސްގެން އެވެ.

މި ހަރަދުތަކަކީ ހާމަކަން ބޮޑު، ހަމަހަމަ އުސޫލުން ކޮށްފައިވާ ކަމެއްކަމަށް ނުބެލެވޭތީވެ، އެކަން އިތުރަށް ބެލުމަށް ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް އޮޑިޓު ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.

އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ މާލިއްޔަތު ގަވައިދުގައިވާ އުސޫލާ އެއްގޮތަށް ހިދުމަތް ހޯދުމަށެވެ. އަދި ވަކި ކަމަކާ ގުޅިގެން އާންމު އުސޫލުތަކުގެ ބޭރުން ވަކި ހަރަދެއް ކުރަން ޖެހިއްޖެ ނަމަ އެހަރަދުވެސް ކުރަންވާނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ދެފުށްފެންނަ ގޮތަކަށް ކަން ކަށަވަރު ކުރުމަށްވެސް ވަނީ ލަފާ ދީފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ހޯމް މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ އެ މިނިސްޓްރީގެ ހަރަދުތައް ދައްކައިދޭ މާލީ ބަޔާންތަކަކީ އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިން ސްޓޭންޑާޑާ ހިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓުތަކެކެވެ.

comment ކޮމެންޓް