ރައީސް އޮފީހަށް 35 އައިޕެޑް ޕްރޯ ހޯދަނީ

ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަރަށް ގިނަ އަދަދެއްގެ އައިޕެޑް ޕްރޯ ގަންނަން އިއުލާނުކޮށްފި އެވެ.

އެ އޮފީހުން ކުރި އިއުލާނުގައި ބުނީ 64 ޖީބީގެ 35 އައިޕެޑް ޕްރޯ ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ހަތަރުވަނަ ދުވަހުގެ 10:30 އަށް އެ އޮފީހަށް ހާޒިރުވެ މައުލޫމާތު ސާފު ކުރުމަށްފަހު މިމަހުގެ ނުވަ ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ކަމަށެވެ.

މީގެ ކުރިންވެސް ރައީސް އޮފީހަށް އައިޕެޑް ގަންނަން އިއުލާނު ކުރިނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިއުލާނު ކުރީ ކަމަށް އިއުލާނުގައިވެ އެވެ.

ރައީސް އޮފީހަށް ގަންނަން އިއުލާނުކޮށްފައިވަނީ 12.9 އިންޗީގެ ހަމައެކަނި ވައިފައިއާ ކަނެކްޓް ކުރެވޭ، ސިލްވާ ކުލައިގެ 35 އައިޕެޑެވެ. އަދި ކޮންމެ އައިޕެޑަަކަށް ސްމާޓް ކަވާ ވެސް ގަންނަން ޖެހެ އެވެ.

މި ސްޕެސިފިކޭޝަންގެ އައިޕެޑް ރާއްޖެއިން ގަންނަން ލިބެން ހުރީ 20،000 ރުފިޔާ އަށެވެ. އެޕަލް ސްޓޯރުން މި ސްޕެސިފިކޭޝަންގެ އައިޕެޑު ހުރީ 999 ޑޮލަރު (15،404 ރުފިޔާ) އަށެވެ. އަދި ސްމާޓް ކަވަރެއްގެ އަގު، އުޅެނީ އެންމެ ހެޔޮކޮށް ވެސް 100 ޑޮލަރަށެވެ. އެހެން ކަމުން އެ ހުރިހާ ސާމާނެއް އެންމެ ހެޔޮ އަގުގައި ވެސް ގަންނަން 750،000 ރުފިޔާ އަރާނެ ކަމަށް ބެލެވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މިފަދަ ސާމާނު ރައީސް އޮފީހަށް ގަންނަނީ އޮފީސް ބޭނުމަށް ކަމަށެވެ. އަގުބޮޑެތި ސާމާނު ރާއްޖެއިން ގަތުމުގެ ބަދަލުގައި އޯވާސީސް އަށް ޕްރޮކިޔޯ ކުރާކަމަށްވެސް ހޫދު ވިދާޅުވި އެވެ.

ކެބިނެޓް ބައްދަލުވުންތަކުގައި ބޭނުން ކުރުމަށް މިނިސްޓަރުންނަށް މިހާރުވެސް އައިޕެޑް ދީފައިހުރެ އެވެ.

comment ކޮމެންޓް