މައުލޫމާތު ފޯރުކޮށް ދިނުމުގެ ގާނޫނަށް އަންނަ އަހަރު ފުރިހަމައަށް އަމަލުކުރާނަން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަންނަ އަހަރު އިކޮނޮމިކް މިނިސްޓްރީން ފުރިހަމައަށް އަމަލުކުރާ ނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދެއްވައިފި އެވެ.

ގާނޫނު އަސާސީގައި ހިމެނޭ މައުލޫމާތު ހޯދައި ލިބިގަތުމާ ބެހޭ 29 ވަނަ މާއްދާއަށް އަހުލުވެރިކުރުމަށް ކެމްޕޭން ލޯންޗުކުރުމަށް މިއަދު ބޭއްވި ހަފްލާފައި ފައްޔާޒް ވިދާޅުވީ އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އެ މާއްދާ އޮތީ ވަޅުޖެހި ގެއްލިފައި ކަމަށެވެ. އަދި މިއަދު ލޯންޗްކުރި ކެމްޕޭންއާ އެކު އެ މާއްދާ އަލުން "ދިއްލިގެން" ދާނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް އޭނާ ވިދާޅުވި އެެވެ.

ފައްޔާޒު ވިދާޅުވީ މިއަދު ފެށި ކެމްޕޭންއަކީ އަޅުގަނޑުމެން ޑިމޮކްރަސީއަށް ކުރި ދަތުރުގެ ވަރަށް މުހިންމު ބާބެއް ކަމަށެވެ. އަދި ކުރިން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވިއިރު އެއްވެސް މައުލޫމާތެއް ނުލިބޭކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން 2014ގައި ފާސްކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަކީ ވަރަށް ފޯވާޑް ލުކިން ގާނޫނެއް. އެއްވަނަ ދުނިޔޭގެ ގައުމުތަކުގެ އޮންނަ ފެންވަރުގެ ގާނޫނެއް ކަމަށް އަޅުގަނޑު ގަބޫލްކުރަނީ. އެހެންނަމަވެސް ވަރަށް ގިނަ ގާނޫނުތަކެކޭ އެއްގޮތަށް އެ ގާނުނު ތަންފީޒުކުރެވިފައެއް ނެތް. އަޅުގަނޑުގެ މިނިސްޓްރީގައި ވެސް އެ ތަންފީޒެއް ނުކުރެވޭ. އަޅުގަނޑު ވެސް މި އުއްމީދުކުރަނީ މިފެށޭއަހަރާ އެކު އިރާދަކުރެއްވިއްޔާމު އަޅުގަނޑުމެންގެ މިނިސްޓްރީގައި ފުރިހަމައަށް އެ ގާނޫނު ތަންފީޒްވެގެން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްގޮތަށް ގާނޫނު ހެދިޔަސް ގާނުނުތައް ހައްދަވާ ބޭފުޅުންނާއި މަޖިލިސްގައި ތިބޭ ބޭފުޅުން ގާނޫނު ހަދައިފައި ދޫކޮށްލާ އިރު ބައެއް ފަހަރު ތަންފީޒްކުރަން ބޭނުންވާ ކަންކަން ނުވިސްނަވާ ކަމަށެވެ.

"އަަޅުގަނޑުމެން ގިނަ ޕީއެސްއިންނާ އަދި ގިނަ ސިވިލް ސާވިސްގެ ބޭފުޅުންނާ އަދި ސިޔާސީ ބޭފުޅުންނާ މިކަމަށް އަހުލުވެރިވެ ނުވަތަ ކުރިއަށް ނުގެންގޮސް އޮތީ ކޮންމެހެން އެކަން ނުކުރާކަށް ނޫން. އެ ރިސޯސަސްއެއް ވެސް ނެތް ހަގީގަތުގައި. އެހެންވީމާ އަޅުގަނޑު އުއްމީދުކުރަން މި ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަންތައްތައް ވެސް ތަންފީޒްކުރުމަށް ޓަކައި ބޭނުންވާ ރިސޯސާސް ސަރުކާރަށް ލިބޭނެ ގޮތް މަޖިލިސް މެދުވެރިކޮށް ހެދުން." މިނިސްޓަރު ވިދާޅުވި އެެވެ.

އެގޮތުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީ ވަރުގަދަ ކުރުމަކީ ކޮންމެެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ފަސޭހައިން އެ މިނިސްޓްރީން ޑޭޓާ ރިޓްރިވްކޮށް ފަސޭހައިން ރައްޔިތުންނާ ހަމައަށް ޑޭޓާތައް ގެނެސްދިނުމަށް ސިސްޓަމްތައް މޮޑަނައިޒް ކުރަން ޖެހޭ ކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް