ބަންޑާރަކޮށްޓަށް ވޭނެއްގައި ވަދެގަނެ އިންޒާރުދިން މައްސަލަ ދަނީ ބަލަމުން: އެމްއެންޑީއެފް

މުލިޔާގެ ކައިރިން ގޮވާ ޒާތުގެ އެއްޗެއް ފެނުމާއި ގުޅިގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ-- ސަންފޮޓޯ: އަހުމަދު ޝަރުވާން

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވަދެގަނެ އެތަން "ގޮއްވާލާނެ" ކަމުގެ އިންޒާރުދިން މީހާގެ މައްސަލަ ދަނީ ފުލުހުންނާ ގުޅިގެން ބަލަމުން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މީގެ ދެ ހަފްތާކުރިން ހިނގި އެ ހާދިސާގައި އެމީހާ ސިފައިންގެ މައި މަރުކަޒަށް ވަނީ ވޭނެއްގަ އެވެ.

ވޭން ބަންޑާރަކޮށީގެ ގޭޓުން އެތެރެއަށް ވަނީ ސިފައިންގެ އުޅަނދެއް އެތަނަށް ވަނަން ދިޔަ ވަގުތު، އެ އުޅަނދުގެ ފަހަތުން ގޮހެވެ. ގޭޓުން ވަނުމުގެ ކްލިއަރަންސް އެ ވޭނަށް ލިބުނީ އެއީވެސް ސިފައިންގެ ވެހިކަލެއް ކަމަށް ބަންޑާރަކޮށީގައި ތިބި ޑިއުޓީ އޮފިސަރުންނަށް ހީވުމުން ކަމަށް އެނގިފައިވެ އެވެ.

އެމްއެންޑީއެފް އިން މިއަދު އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 18 ނޮވެމްބަރުގެ ރޭ 9:00 އެހާއިރު ބަންޑާރަކޮށި މައި ގޭޓުން ރެޖިސްޓްރީ ނަމްބަރުގައި "ސީ" ބޯޑު ޖަހާފައިވާ ވޭނެއް ވަނުމުން ވަނީ ހުއްޓުވާފައި ކަމަށެވެ.

އެ ވޭން ހުއްޓުވާ ބެލިއިރު އޭގައި އިނީ ބިދޭސީއެއް ކަމަށާއި އެ ވޭނުގައި އިތުރު މީހަކު ނެތް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަދުގެ މާހައުލުން އެއްވެސް ގޮތަކަށް ޝައްކުކުރެވޭފަދަ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެކަމުގައިވާނަމަ އެކަން ލަސް ނުކޮށް ސަލާމަތީ ހިދުމަތްތަކަށް އެެންގުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަންޑާރަކޮށްޓަށް ވަދެ އެފަދަ އިންޒާރެއް ދިން ފަހުން ސިފައިން ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.

comment ކޮމެންޓް