އިންޑިއާގައި އަންހެނަކު ރޭޕްކޮށް އަންދާލުން: އިހުމާލުވި ތިން ފުލުހަކު ސަސްޕެންޑުކޮށްފި

ހައިދަރުއާބާދުގައި އަންހެނަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން، ކުށްކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ މުޒާހަރާތައް ވަނީ ކޮށްފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ޑިސެމްބަރު 2): އިންޑިއާގެ ހައިދަރުއާބާދުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު އަންހެނަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އެގައުމުގެ ތިން ފުލުހަކު ސަސްޕެންޑުކޮށްފި އެވެ.

އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން ހައިދަރުއާބާދުގެ ތިން ފުލުހަކު ސަސްޕެންޑު ކުރީ، 27 އަހަރުގެ އެ އަންހެން މީހާ ގެއްލުނު ކަމަށް އާއިލާއިން ބުދަ ދުވަހުގެ ރޭ ރިޕޯޓު ކުރުމުން އެމައްސަލަ ބެލުމުގައި އިހުމާލުވުމުންނެވެ.

ވެޓެރެނޭރިއަން (ޖަނަވާރުންގެ ޑޮކްޓަރެއް)ގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އެ އަންހެން މީހާގެ އާއިލާއިން ބުނި ގޮތުގައި އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓު ކުރަން ދިޔުމުން، ފުލުހުން ވަނީ އަވަސް ފިޔަވަޅު އަޅަން ދެކޮޅު ހަދާ، ކަމާ ގުޅުމެއް ނެތް ސުވާލު ކުރުމުގައި ވަގުތު ބޭކަރުކޮށްފަ އެވެ.

"ފުލުހުން އަޅުގަނޑުމެންނާ ވާހަކަ ދެއްކީ ވަރަށް ހުތުރުކޮށް. އެމީހުން ބުނަމުން ދިޔައީ އަޅުގަނޑުގެ ދަރިފުޅު އެހެން މީހަކާ އެކު ފިލައިގެން ދިޔައީ ކަމަށް. އަޅުގަނޑު ބުނިން އެއީ އެކަހަލަ ކުއްޖެއް ނޫނޭ. ނަމަވެސް އެމީހުން އަޑެއް ނޭހި. އެމީހުންގެ ރަހުމް ކުޑަކަމުން، އެމީހުންގެ ޒިންމާ އަދާ ނުކުރުމުން އަޅުގަނޑުމެންގެ ދަރިފުޅު ގެއްލިގެންދިޔައީ،" އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން، މަރުވި އަންހެން މީހާގެ މަންމަ ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ހަތަރު މީހަކު ވެގެން އެ އަންހެން މީހާ ރޭޕްކޮށް މަރާލީ ދުރާލާ ރާވައިގެންނެވެ. އެގޮތުން އެ އަންހެން މީހާ ބުދަ ދުވަހުގެ ހަވީރު 6:00 އެހާކަންހާއިރު ބަސް ސްޓޮޕެއް ކައިރީ އޭނާގެ ސައިކަލު ޕާކު ކުރި މަންޒަރު އެމީހުންނަށް ފެނުނެވެ. އަދި އެ އަންހެން މީހާ އެނބުރި އަންނަންވާ އިރަށް އެމީހުން އޭނާގެ ސައިކަލުގެ ހަން ފަޅާލި އެވެ.

ހައިދަރުއާބާދުގައި އަންހެނަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން، ކުށްކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ މުޒާހަރާތައް ވަނީ ކޮށްފަ -- ފޮޓޯ: ރޮއިޓާސް

އެ އަންހެން މީހާ ސައިކަލު ނަގަން އެނބުރި ދިޔައީ ރޭގަނޑު ނުވައެއް ޖަހާކަށްހާ އިރެވެ. އަދި އެވަގުތު ހަތަރު މީހުންގެ ތެރެއިން އެކަކު، ސައިކަލުގެ ފުރޮޅު ރަނގަޅު ކޮށްދޭނެ ކަމަށް ބުނެ ސައިކަލު ގެންދިޔަ އެވެ. އެވަގުތު އަންހެން މީހާ އޭނާގެ ކޮއްކޮއަށް ގުޅާ، އެ ދެ މީހުން ދެއްކި ވާހަކައިގެ ރެކޯޑިންއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެރެކޯޑިންގައި އަންހެން މީހާ ވަނީ އެތާ ކައިރީ އޮތް އުޅަނދެއްގައި ތިބި މީހުން އޭނާއާ ދިމާލަށް ބަލަން ތިބި ކަމަށާއި އެކަނި ހުންނަން ޖެހުމުން ބިރު ގަންނަ ކަމަށް ބުނެފަ އެވެ.

އެފޯނު ކޯލަށް ފަހު 15 މިނިޓު ފަހުން އަންހެން މީހާގެ ފޯނު އޮތީ ނިއްވާލައިފަ އެވެ. އަދި އޭގެ ދޮޅު ގަޑި އިރު ފަހުން އޭނާގެ އާއިލާއިން ވަނީ އޭނާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ.

ހައިދަރުއާބާދުގައި ފުލުހުން ބުނި ގޮތުގައި އަންހެން މީހާ ފޯނުން ވާހަކަ ދައްކައި ނިމުމުން، އެތަނުގައި ތިބި ތިން މީހުން ވަނީ އޭނާ އެހެން ތަނަކަށް ގެންގޮސް ރޭޕްކޮށްފަ އެވެ. އަދި އަންހެން މީހާގެ ސައިކަލު ގެންދިޔަ މީހާ ވެސް ފަހުން އެމީހުންނާ ބައިވެރިވި އެވެ.

ފުލުހުން ބުނި ގޮތުގައި އަންހެން މީހާ މަރުވީ އޭނާ ހަޅޭއްލެއްވުން ހުއްޓުވުމަށް އެކަކު އޭނާގެ އަނގަ އާއި ނޭފަތް މަތީ އަތް އެޅުމުން، ނޭވާ ހާސްވެގެންނެވެ. އޭގެ ފަހުން އެ ހަތަރު މީހުން އަންހެން މީހާގެ ހަށިގަނޑު ދުރު ސަރަހައްދަކަށް ގެންގޮސް އަންދާލީ އެވެ. އެ އަންހެންމީހާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.

ފުލުހުން ވަނީ އެމައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ކަމަށްވާ މުހައްމަދު އަރީފް (26)، ޖޮއްލޫ ޝިވާ (20)، ޖޮއްލޫ ނަވީން (20)، އަދި ޗިނަޓަކުންޓާ ޗެންނަކެޝަވުލޫ (20) ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެމީހުންގެ ބަންދަށް ވަނީ 14 ދުވަސް ޖަހާފަ އެވެ.

އެހާދިސާއާ ގުޅިގެން ހައިދަރުއާބާދުގައި އެތައް ހާސް މީހުން ވަނީ ކުށްކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ.

އިންޑިއާގައި 2012 ވަނަ އަހަރު 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރަކު ބަހެއް ތެރޭގައި ރޭޕްކުރުމަށް ފަހު މަރާލި މައްސަލައަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔަ އެވެ. އަދި އޭގެ ފަހުން އެގައުމުން ރޭޕްގެ މައްސަލަތަކުގައި ދޭ އަދަބުތައް ހަރުކަށި ކުރި ނަމަވެސް، އެގައުމުގައި އަނިޔާވެރި ޖިންސީ ހަމަލާތަކުގެ މައްސަލަތައް މަދުވެފައެއް ނުވެ އެވެ.

އެގޮތުން އެގައުމުގެ ސަރުކާރުން އެންމެ ފަހުން އާއްމު ކުރި ކުށުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2017 ވަނަ އަހަރު 33،658 ރޭޕްގެ މައްސަލަ ފުލުހުން ރެޖިސްޓާކޮށްފައިވެ އެވެ. އެއީ އެވުރެޖުކޮށް ދުވާލަކު 92 ރޭޕްގެ މައްސަލަ އެވެ.

comment ކޮމެންޓް