ސިންގަޕޫރުގެ "ފޭކް ނިއުސް" ގާނޫނަށް ފޭސްބުކުން ބޯލަނބައިފި

ސިންގަޕޫރުން ވަނީ އެސްޓީއާރުގެ ފޭސްބުކް ޕޯސްޓުގައި ސައްހަ ނޫން މައުލޫމާތު ހުރި ކަމަށް ބުނެފައި ---

ސިންގަޕޫރު (ޑިސެމްބަރު 2): ސިންގަޕޫރުގެ ފޭކް ނިއުސް ގާނޫނުގެ ދަށުން ސައްހަ ނޫން މައުލޫމާތު ހުރި ކަމަށް ސަރުކާރުން ބުނި ފޭސްބުކް ޕޯސްޓެއްގައި އެކުންފުނިން ނޯޓިސްއެއް ޖަހައިފި އެވެ.

އެއީ މިދިޔަ އޮކްޓޯބަރު މަހު ސިންގަޕޫރުން އަމަލު ކުރަން ފެށި 'ޕްރޮޓެކްޝަން ފްރޮމް އޮންލައިން ފޯލްސްހުޑްސް އެންޑް މެނިޕިއުލޭޝަން' ގާނޫނަށް ފޭސްބުކުން ތަބާވި ފުރަތަމަ ފަހަރެވެ.

އެ ގާނޫނުގެ ދަށުން ދެ ފޭސްބުކް ޕޯސްޓެއް ބަދަލު ކުރަން ސިންގަޕޫރުން ވަނީ މިހާތަނަށް އަންގައިފަ އެވެ.

އެގޮތުން ފުރަތަމަ ބަދަލު ކުރަން އެންގީ ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ މެމްބަރެއް އަދި ވަކީލެއް ކަމަށްވާ ބްރެޑް ބޯޔާގެ ފޭސްބުކް ޕޯސްޓެކެވެ. އެޕޯސްޓުގައި އޭނާ ވަނީ ދައުލަތުގެ ދެ ކުންފުންޏަކުން ކުރާ އިންވެސްޓުމެންޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ސިންގަޕޫރުގެ ފިނޭންސް މިނިސްޓްރީން ވަނީ އެއީ ސައްހަ ނޫން މައުލޫމާތު ކަމަށް ބުނެ، އެޕޯސްޓު ބަދަލު ކުރަން އަންގައިފަ އެވެ. އަދި ބޯޔާ ވަނީ ސަރުކާރުން އެންގި ބަދަލުތައް ގެނެސްފަ އެވެ.

އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ސިންގަޕޫރުން ވަނީ ސްޓޭޓް ޓައިމްސް ރިވިއު (އެސްޓީއާރު) ކިޔާ ހަބަރު ގެނެސްދޭ ފޭސްބުކް ޕޭޖެއްގައި ތެދު ނޫން މައުލޫމާތު ހުރި ކަމަށް ބުނެފަ އެވެ.

އޮސްޓްރޭލިއާގައި ހުންނަ ސިންގަޕޫރުގެ ނޫސްވެރިޔަކު ހިންގާ އެސްޓީއާރުގެ ފޭސްބުކް ޕޯސްޓުގައިވާ ގޮތުން ސިންގަޕޫރުން ވަނީ އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރުންތަކެއްގެ މައްޗަށް ތުހުމަތުތަކެއް ކުރި ވިސުލްބްލޯވާއެއް ހައްޔަރުކޮށްފަ އެވެ.

ނަމަވެސް ސިންގަޕޫރު ސަރުކާރުން ވަނީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އެސްޓީއާރުގެ ލިޔުމުގައި ވަނީ އެގައުމުގެ އިލްކެޝަންސް ޑިޕާޓްމެންޓާއި ބޮޑުވަޒީރާއި އިންތިހާބުތައް ކުރިއަށްގެންދާ ގޮތާ ބެހޭ ގޮތުން ސައްހަ ނޫން ތުހުމަތުތަކެއްކޮށްފައި ކަމަށް ބުނެފަ އެވެ.

ނަމަވެސް އެސްޓީއާރުގެ އެޑިޓަރު އެލެކްސް ޓޭން ވަނީ "ބޭރު ގައުމެއްގެ ސަރުކާރަކުން ކުރާ އަމުރަކަށް ބޯނުލަނބާނެ" ކަމަށް ބުނެފަ އެވެ. އަދި އެ ޕޭޖު ހިންގަނީ އޮސްޓްރޭލިއާގައި ކަމަށާއި އެހެންކަމުން އަމަލު ކުރާނީ އޮސްޓްރޭލިއާގެ ގާނޫނުތަކަށް ކަމަށް ބުނެފަ އެވެ.

ޓޭން އެފަދައިން ބުނި ނަމަވެސް ފޭސްބުކުން ވަނީ އޭނާގެ ޕޯސްޓުގެ ތިރީގައި ނޯޓެއް ހަރުކޮށްފަ އެވެ. އެނޯޓުގައި ވަނީ "މި ޕޯސްޓުގައި ސައްހަ ނޫން މައުލޫމާތު ހިމެނޭ ކަމަށް ސިންގަޕޫރުގެ ސަރުކާރުން ބުނެފައިވާކަން ފޭސްބުކުން އަންގަން ގާނޫނު ލާޒިމް ކުރާ" ކަމަށް ބުނެފަ އެވެ. އެނޯޓު ފެންނާނީ ހަމައެކަނި ސިންގަޕޫރުގައި ފޭސްބުކް ބޭނުން ކުރާ މީހުންނަށެވެ.

މީގެ އިތުރުން އެކުންފުނިން ވަނީ ފޭކް ނިއުސް ގާނޫނުގެ ސަބަބުން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅޭނެ ކަމަށާއި ގާނޫނު ތަންފީޒު ކުރާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

ސިންގަޕޫރުގެ ފޭކް ނިއުސް ގާނޫނުގައި ވަނީ ސަރުކާރުން ސައްހަ ނޫން މައުލޫމާތުގެ ގޮތުގައި ދެކޭ މައުލޫމާތާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަމަށް ބެލެވޭ މައުލޫމާތު ނަގަން އޮންލައިން ޕްލެޓްފޯމްތަކަށް އަމުރު ކުރުމުގެ ބާރު ސަރުކާރަށް ދީފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން ގިނަވެގެން އެއް މިލިއަން ސިންގަޕޫރު ޑޮލަރު (733،700 ޑޮލަރު)ން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރެވިދާނެ އެވެ.

comment ކޮމެންޓް