ޖޭއެސްސީގެ ލަފަޔާއެކު މުއުތަސިމާއި ސުއޫދުގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި

(ވ) އުއްތަމަފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ހުށަހެޅުއްވި އަހްމަދު މުއުތަސިމް އަދުނާން އަދި (ކ) ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ހުށަހެޅުއްވި ހުސްނުއްސުއޫދު ---

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަގާމަށް މ. ގުލްފާމުގޭ އަހްމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސ. މީދޫ ހަސަންކާރިގޭ ހުސްނުއްސުއޫދު އައްޔަނުކުރުމަށް "ހައިލީ ރިކޮމެންޑް"ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމެވުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު އައްޔަނުކުރުމަށާއި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަނުކުރުމަށް ޖޭއެސްސީގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސުޕްރީމްކޯޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމާށް ކުރިމަތިލީ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކާއެކު، އުއްތަމަފަނޑިޔާރުކަމަށާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓުކުރެވުނު ފަރާތްތަކާ އިންޓަވިއުކުރުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ކޮމިޝަނުން މިރޭ ބަލައިގަތް ކަމަށާއި އެ ރިޕޯޓުގެ އަލީގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ނިންމާފައިވާކަމެވެ.

ޖޭއެސްސީގެ ރައީސާ ހިސާން ހުސައިން ރިޔާސަތު ބަލަހައްޓަވައި މިރޭ ބޭއްވި އެ ކޮމިޝަނުގެ 87 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ އުއްތަމަފަނޑިޔާރުކަމަށް މުއުތަސިމް، އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަނުކުރުމަށް "ހައިލީ ރިކޮމެންޑް"ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ފޮނުއްވާފައިވާނެ ކަމަށެވެ.

ރައީސް ލަފައަށް އެދި ހުށަހެޅުއްވި ތިން ނަންފުޅުގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާ ބެހޭ ތިން ޝަކުވާއެއް ލިބިފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެހެންކަމުން އެ ޝަކުވާތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އަރުވާނެކަމަށް ޖޭއެސްސީން ބުންޏެވެ.

ކުރީގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަކީ އާ ގާނޫނުއަސާސީގެ ދަށުން 10 އޯގަސްޓް 2010 ގައި ފުރަތަމަ އެކުލަވާލި ސުޕްރީމްކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. އޭނާ ފަނޑިޔާރުކަމުްނ ވަކިކުރީ 2014 ވަނަ އަހަރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ގާނޫނަށް ގެނައި އިސްލާހަކުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރެއިން ސުޕްރީމްކޯޓަށް އައްޔަނުކުރުމަށް މަޝްވަރާދިނުމަށް ޖޭއެސްސީން ނިންމި ތަޖުރިބާކާރު ވަކީލު ހުސްނުއްސުއޫދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތަރު ފަނޑިޔާރެކެވެ. އެއީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒަހިރުގެ އިތުރުން، ސަސްޕެންޝަނުގައި މިވަގުތު ހުންނެވި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

ފަނޑިޔާރު އަބްދުލްޣަނީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ އިރު، އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ މިހާރު އޮތީ އެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައެވެ.

comment ކޮމެންޓް