ރާވެރިކަން ދަސްކުރަން ދާންވީ ގެމަނަފުއްޓަށް!

ކުޑަކުއްޖަކު ރުކެއްގައި

ބޮޑު ޗުއްޓީއަކަސް، ފޫހިވެފައި ގޭގައި ތިބޭނެ ކަމެއް ނެތެވެ. ކޮންމެހެން ބޮޑު ދަތުރެއްހަދާ ތަނަކަށް ނުދެވުނަސް ތިމާ ހުރި ސަރަހައްދަކުން، ހުރި ރަށަކުން ކުރާ ކަންކަމުގައި ބައިވެރިވެ، އާ ފަންނު ތަކާއި ހުނަރުތައް ދަސްކުރަންވީ އެވެ.

މިފަހަރު މިއޮތީ ހުވަދޫއަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ދިވެހިންގެ އަމިއްލަވަންތަކަމާއި އާދަކާދަތައް ރަމްޒުކޮށްދޭ ތަފާތު މަސައްކަތްތަކުގެ ތެރެއިން ރާވެރިކަން ދަސްކޮށްދޭ ހާއްސަ ކޯހެއް މި ބޮޑު ޗުއްޓީގައި ފެށުމަށް ގެމަނަފުށިން ދަނީ ތައްޔާރުވަމުންނެވެ.

ގެމަނަފުށީ ކައުންސިލުން އިސްނަގައިގެން އިންތިޒާމްކުރާ މި ކޯހަކީ މި ފެންވަރުގައި ރާއްޖޭގައި މި މަސައްކަތް ދަސްކޮށްދޭން ބާއްވާ ފުރަތަމަ ކޯހެވެ.

ރުއްތަކަށް އަރައި، އެ ރުއްތަކުން ރާ ބާލައިގެން އެ ކެއްކުމުގެ މަސައްކަތް ހިމެނޭ ރާވެރިކަމަކީ މީގެ އެތަށް ސަތޭކަ އަހަރުއްސުރެ ކުރީން ފެށިގެން ދިވެހިން އާމްދަނީ ހޯދުމަށްޓަކައި ކުރަމުންއައި މައިގަނޑު މަސައްކަތެކެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވި ގޮތުގައި، ޒަމާން ތަރައްގީވަމުން އައިސް މިއަދު މި މަސައްކަތް މަޑުމަޑުން އުވި، ނެތެމުން އަންނައިރު، ރާވެރިކަން ދަސްކޮށްދޭ މި ކޯހަކީ ރާވެރިކަން ދިރުވާ އާލާކުރުމުގެ ގޮތުން ފަށާ ހާއްސަ ކަމެކެވެ.

ގއ. ގެމަނަފުށި

މި ހިނގާ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު، މި ކޯސް ފެށުމަށް ހަމަޖެހިފައިވާއިރު މިއީ ދެ ހަފްތާއަށް ދިގުދެމިގެންދާނެ ކޯހެކެވެ. ގެމަނަފުށީގައި މިހާރު މި މަސައްކަތްކުރާ ހަރު އުމުރުގެ ރާވެރިންގެ ބައިވެރިވުމާއި އެކު މި ކޯސް ކުރިއަށްގެންދިއުމަށްޓަކައި ވަނީ ހާއްސަ ސިލަބަހެއް ތައްޔާރުކޮށްފަ އެވެ.

މިގޮތުން ފުރަތަމަ ހަފްތާ މި މަސައްކަތުގެ 'ތިއަރީ'އަށް ހާއްސަ ކުރެވިފައިވާއިރު، މި މަސައްކަތް ކުރައްވާ އެކި ރާވެރިންގެ ކިބައިން ތަފާތު ޓެކްނިކްސްތަކެއް ދަސްކޮށްދިނުމަށް އުންމީދުކުރާކަމަށްވެސް ޝިޔާން ވިދާޅުވި އެވެ. އެއަށްފަހު ކުރިއަށްގެންދާނީ މަސައްކަތުގެ އަމަލީ ބައެވެ.

މީގެކުރިން އެންވަޔަރަމެންޓް މިނިސްޓްރީއިން އައްޑޫ ސިޓީގައި ރާވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފަ އެވެ.

ޝިޔާން ވިދާޅުވި ގޮތުގައި ގެމަނަފުށީގައި ހިންގުމަށް ތައްޔާރު ވަމުން އަންނަ ކޯހަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މިގޮތުން 20 އަހަރުން މަތީގެ ޒުވާނުން ގިނަ އަަދަދަކަށް ބައިވެރިވަމުން އަންނައިރު، ގިނަ އަަދަދެއްގެ އަންހެނުންވެސް ވަނީ މި ކޯހުގައި މިހާރުވެސް ބައިވެރިވެފަ އެވެ.

ކޯހުގެ އިދާރީ މަސައްކަތްތަކާއި އެއްވަރަށް، ކިޔަވައިދިނުމަށް ބޭނުންވާ ޕްރެޒެންޓޭޝަންތަކާއި، އިތުރު ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންއަންނައިރު، 2020ގައި ސްކޫލް ކުދިންނަށް ހާއްސަކޮށްގެންވެސް ރާވެރިކަން ކިޔަވައިދީ ދަސްކޮށްދޭން ކައުންސިލުން ވަނީ ރާވައިފަ އެވެ.

comment ކޮމެންޓް