އަލީ ސުލައިމާން އެނބުރި ޓީމީއެމްއާ ގުޅިއްޖެ

އަލީ ސުލައިމާން: އޭނާ ވަނީ ދިހައަހަރު ފަހުން އަނެއްކާ ވެސް އަނބުރާ ޓީވީއެމްއާ ގުޅިފައި ---

މަޝްހޫރު ޓީވީ ޕްރެޒެންޓަރ އަލީ ސުލައިމާން ދިހަ އަހަރަށް ފަހު އެނބުރި ޓީވީއެމްއާ ގުޅިއްޖެއެވެ.

ދެހާސް ފަސްވަނަ އަހަރުގެ ޑިސެމްބަރު މަހު ޓީވީއެމްއިން ނިއުސްކާސްޓަރެއްގެ ވަޒީފާއަށް ގުޅުނު ސުލައިމާން އެ ޗެނަލް ދޫކޮށްލީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވީމީޑިއާ ގުޅި، އެތަނުގައި ނުވަ އަހަރު ދުވަހު މަސައްކަތްކުރިއެވެ.

ވީމީޑިއާގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރި ކުރުމުގެ ތެރެއިން ސުލައިމާންވެސް މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރިއެވެ.

ސުލައިމާން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޓީވީއެމުން ކެނޑުނުތާ 10 އަހަރާއި ހަތަރު މަސްދުވަސް ފަހުން މިއަދު އޭނާ އަނެއްކާވެސް ޓީވީއެމާ ގުޅުނީ އާ އުންމީދުތަކަކާ އެކުގައި ކަމަށެވެ.

ވީމީޑިއާއިން ވަކިވުމަށްފަހު އަލީ ސުލައިމާން ވަނީ އަމިއްލައަށް ވީޑީއޯ ރިޕޯޓްތަކެއް ވެސް ތައްޔާރުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ހަމައަށް ފޯރުކޮށްދީފައެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ސްޕޮންސަރެއް ނުލިބުމުން އެމަސައްކަތް ހުއްޓާލުމަށްފަހު މީޑިއާއަކާ ގުޅުމަށް ނިންމީކަމަށް އޭނާ ބުންޏެވެ.

"ދެން މީޑީއާއަކާ ގުޅެން ބެލިއިރު އެންމެ ރަނގަޅު ޗޮއިސްއަކަށް ފެނުނީ ޕީއެސްއެމް. އެހެންވެ އަލުން އަނބުރާ އެތަނަށް ދިއުމަށް ނިންމީ،" އޭނާ "ސަން"އަށް ބުންޏެވެ.

އެޑިޓަރެއްގެ ގޮތުގައި ދައުލަތުގެ މީޑީއާ ގުޅުނު ނަމަވެސް މީގެ ކުރިން އޭނާ ގެނެސްދިން ފަދަ ރިޕޯޓުތައް އެއަށްވުރެ ފެންވަރު ރަނގަޅުކޮށް ގެނެސްދުނުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ.

ސުލައިމާން 2005 ވަނަ އަހަރު ޓީވީއެމްއާ ގުޅުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ އޭނާ ޚަބަރު ކިއުމަށް ގެންގުޅޭ ސްޓައިލެވެ. އޭގެ އިތުރުން އިޖުތިމާއީ އެކި މައްސަލަތަކަށް އޭނާ ތައްޔާރުކުރާ ވީޑިއޯ ރިޕޯޓުތަކުގެ މަގުބޫލުކަންވެސް ބޮޑެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދިން 2014 ވަނަ އަހަރުގެ އެންމެ މޮޅު ޓީވީ ނޫސްވެރިޔާގެ އެވޯޑުވެސް އޭނާއަށް ލިބިފައިވެއެވެ.

ނޫސްވެރިއެއްގެ އިތުރުން ސުލައިމާނަކީ މުދައްރިސެކެވެ.

comment ކޮމެންޓް