ސިފައިންގެ މައި މަރުކަޒަށް ވަދެގަނެ، "ގޮއްވާލާނެ"ކަމުގެ އިންޒާރު ދިން ބިދޭސީއަކު ހައްޔަރުކޮށްފި

2015 ވަނަ އަހަރު މާލޭގައި ކާރެއްގައި ބޮމެއް އޮތްކަމަށް ތުހުމަތުކުރެވި، ސިފައިންގެ އީއޯޑީ ޓީމުން ހަރަކާތްތެރިވަނީ -- ފޮޓޯ/ އޭޕީ

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވަދެގަނެ އެތަން ''ގޮއްވާލާނެ" ކަމުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކަށަވަރުވެެފައިވާ ގޮތުގައި މީގެ ދެ ހަފްތާކުރިން ހިނގި އެ ހާދިސާގައި އެމީހާ ސިފައިންގެ މައި މަރުކަޒަށް ވަނީ ވޭނެއްގަ އެވެ. އެ ވޭން ބަންޑާރަކޮށީގެ ގޭޓުން އެތެރެއަށް ވަނީ ސިފައިންގެ އުޅަނދެއް އެތަނަށް ވަނަން ދިޔަ ވަގުތު، އެ އުޅަނދުގެ ފަހަތުން ގޮހެވެ. ގޭޓުން ވަނުމުގެ ކްލިއަރަންސް އެ ވޭނަށް ލިބުނީ އެއީވެސް ސިފައިންގެ ވެހިކަލެއް ކަމަށް ބަންޑާރަކޮށީގައި ތިބި ޑިއުޓީ އޮފިސަރުންނަށް ހީވުމުންނެވެ.

އެނގިފައިވާ ގޮތުގައި ވޭން ދުއްވަން އިނީ ބިދޭސީއެކެވެ. އޭނާ ވޭނުގައި ވަނުމާ އެކު ސިފައިން އޭނާ ހުއްޓުވައި ސުވާލުކުރުމުން އޭނާ ބުނީ، އޭނާ އެތަނަށް ވަނީ އެތަން "ގޮއްވާލަން" ކަމަށެވެ. އަދި އެ މީހާ ސިފައިނަށް ހަމަލާ ދިން ކަމަށް ވެސް އެނގިފައިވެ އެވެ.

ބަންޑާރަކޮށި ގޮއްވާލާނެކަމުގެ އިންޒާރު އޭނާ ދިން ނަމަވެސް، އޭނާ ދުއްވަން އިން ވޭނުން އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެ ހާދިސާ ހިނގި ފަހުން ސިފައިން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އެމީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ މީހާ މިހާރު ހުރީ ކޯޓުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ބޮން ހަދައި އަދި ބޮން ގޮއްވައިގެން މީހުން ހައްޔަރުކޮށްފައިވެ އެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ބޮން ހަދައި، ބޮން ގޮށްވައިގެން މީހުން ހައްޔަރުކޮށް ދައުވާކޮށްފައިވެ އެވެ.

comment ކޮމެންޓް