ރައީސް ސޯލިހާއި ރައީސް ނަޝީދު ޕްރިންސް މުހައްމަދާ ބައްދަލުކުރައްވައިފި

ސައުދިއަރަބިއްޔާގެ ވަލީއަހުދާއި އެކު ރައީސް ސޯލިހު އަދި ކުރީގެ ރައީސް ނަޝީދު --- ފޮޓޯ : ހޫދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެގައުމަށް ވަޑައިގެން އުޅުއްވާ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ދެ ރައީސުން ޕްރިންސް މުހައްމަދާ ބައްދަލުކުރެއްވި ފޮޓޯ އާންމުކުރެއްވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހަމަ އޭގެ އިތުރުން މިއަދު ދެ ރައީސުން ވަނީ އަބޫދާބީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދު ބިން ނަހްޔާނާވެސް މިއަދު ބައްދަލުކުރެއްވި ފޮޓޮއެއް ހޫދު އާންމުކުރެއްވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދެ ރައީސުން އަބޫދާބީއަށް ވަޑައިގަތީ އަބޫދާބީގެ ވަލީއަހުދުގެ ދައުވަތުފުޅަކަށެވެ. ނަމަވެސް މި ދަތުރުފުޅާ ބެހޭ މާ ބޮޑު ތަފްސީލެއް ރައީސް އޮފީހުންވެސް ހާމައެއް ނުކުރެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މިހާރު ވަނީ ޔޫއޭއީއަށް ވަޑައިގެން، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ވަފުދުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި އަބޫދާބީގެ ވަލީއަހުދުގެ އިތުރުން އެގައުމުގެ ފޮރިން މިނިސްޓަރާވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް