ސައުތު އޭޝިއަން ގޭމްސް: ޕާކިސްތާނު އަތުން ބަލިވެ ބެޑްމިންޓަންގެ ޓީމު އިވެންޓުން ރާއްޖެ ކަޓައިފި

ރާއްޖޭގެ ދެ ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ނަބީހާއާއި ނީލާ --- ފޮޓޯ// އެމްއޯސީ

(ޕޮކަހަރާ، ނޭޕާލް): ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބެޑްމިންޓަން ޓީމް އިވެންޓުގައި ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފިއެވެ.

ނޭޕާލްގެ ޕޮކަހަރާގެ ބެޑްމިންޓަން ހޯލްގައި މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ފުރަތަމަ ތިން ގޭމުންވެސް ބަލިވުމުންނެވެ. މި މެޗުން ލިބުނު ބައްޔާއެކު ރާއްޖެ ބެޑްމިންޓަންގެ ޓީމު އިވެންޓުން ކެޓި ނަމަވެސް އޯޕެންސް އިވެންޓްތަކުގައި ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ނަބާހާ --- ފޮޓޯ// އެމްއޯސީ

މިއަދުގެ މެޗުގެ ފުރަތަމަ ގޭމުގައި ވާދަކުރީ ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ އައިމިނަތު ނަބީހާ އަބްދުލްރައްޒާގާއި ޕާކިސްތާނުގެ މަހޫރް ޝަހުޒާދެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ ގޭމުގެ ސެޓުތައް ޕާކިސްތާން ކުޅުންތެރިޔާ ގެންދިޔައީ 19-21 އަދި 14-21 އިންނެވެ.

ފުރަތަމަ ސެޓު ފެށި ގޮތަށް ޕާކިސްތާން ކުޅުންތެރިޔާ ހަ ޕޮއިންޓްގެ ލީޑެއް ނަގާފައި ވަނިކޮށް ނަބީ ވަނީ ފަހަތުން އަރައި އެއްވަރުކޮށްފައެވެ. އެއަށްފަހު ހަމަހަމަ ކަންމަތީ ދެ ކުޅުންތެރިން ވެސް ޕޮއިންޓްތައް ހޯދަމުން އައިސް ސެޓު ގެއްލުނީ ކުޑަ ތަފާތަކުންނެވެ.

ދެވަނަ ސެޓު ފަށައިގެން ނަބީ ހިތްވަރާއެކު ކުޅުނު ނަމަވެސް ފަސްވަނަ ޕޮއިންޓާ ހިސާބުން ޕާކިސްތާން ކުޅުންތެރިޔާ ހަތް ޕޮއިންޓްގެ ލީޑު ފުޅާ ކުރި ގޮތަށް ސެޓު ނިމެންދެން އެ ފަރަގު ހިފެހެއްޓީއެވެ.

ފުރަތަމަ ގޭމުން ބަލިވުމާ އެކު ދެވަނަ ގޭމުން މޮޅެއް ހޯދުމުގެ އުންމީދުގައި ނީލާ ނަޖީބް ކުޅެން ނުކުމެ ހުނަރުވެރި ކުޅުމެއް ވަނީ ދައްކައިފަ އެވެ. ނަމަވެސް 1-3 ސެޓުން އެ ގޭމް ގެންދިޔައީ ޕާކިސްތާންގެ ޕަލްވަޝާ ބަޝީރެވެ.

އެ ގޭމުގެ ފުރަތަމަ ސެޓު ނީލާ ފަސޭހަކަމާއެކު ކާމިޔާބު ކުރީ 21-16 އިންނެވެ. ފުރަތަމަ ސެޓުން މޮޅުވެ ލިބުނު ހިތްވަރާއެކު ދެވަނަ ސެޓުގައި ވެސް ނީލާ ބޮޑ ލީޑެއް ނަގާފައި އޮއްވާ ފަހަތުން އަރައި ޕޮއިންޓްތަކެއް ހޯދައިގެން ޕާކިސްތާން ކުޅުންތެރިޔާ ސެޓު ގެންދިޔައީ 21-23 އިންނެވެ. އެ ސެޓު ނިމުނު އިރު ނީލާގެ ފަޔަށް ކޮންމެސް ވަރެއްގެ އަނިޔާއެއް ވުމުން ތިންވަނަ ސެޓުގައި އޭނާ ވަނީ ފަރުވާއަށް އެދ މެޑިކަލް އެހީ ވެސް ހޯދައިފަ އެވެ. ތިން ވަނަ ސެޓު ޕާކިސްތާން ކުޅުންތެރިޔާ ގެންދިޔައީ 17-21 އިންނެވެ.

ތިންވަނަ ގޭމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލްރައްޒާގް ވަނީ ޕާކިސްތާންގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ގަޒަލާ ސިއްދީގްއާ ވާދަކޮށް ދެ ސެޓުން ބަލިވެފައެވެ. އެ ގޭމުގެ ދެ ސެޓު ވެސް ޕާކިސްތާން ކުޅުންތެރިޔާ ގެންދިޔައީ 15-21 އިންނެވެ.

މިއަދު މެޗުގެ ހަތަރުވަނަ ބުރަކަށް ދިޔަ ނަމަ ވާދަކުރަން ހަމަޖެހިފައި އޮތީ ނަބާހާއާއި ނަބީހާގެ ޕެއާއެވެ. ފަސްވަނަ ބުރެއްގައި ނަތީޖާ ނެރެން ކުޅެން ހަމަޖެހިފައި އޮތީ ނީލާ ނަޖީބާއި ފާތިމަތު މައިސާ އިސްމާއިލްގެ ޕެއާއެވެ.

comment ކޮމެންޓް