އުތުރު ކޮރެއާއިން ޖަޕާނަށް މިސައިލް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ދީފި

އުތުރު ކޮރެއާއިން ޓެސްޓު ކުރީ ބެލިސްޓިކް މިސައިލެއް ކަމަށް ޖަޕާނުން ބުނި ނަމަވެސް އުތުރުން ވަނީ އެއީ ރޮކެޓް ލޯންޗާއެއް ކަމަށް ބުނެފަ -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ޑިސެމްބަރު 1): ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ "މޮޔައެއް" ކަމަށް ބުނެ، އުތުރު ކޮރެއާއިން ޖަޕާނަށް މިސައިލް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ދީފިއެވެ.

އުތުރު ކޮރެއާއިން އެ އިންޒާރު ދިނީ އެގައުމުން މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓުކުރި ހަތިޔާރަކާ ބެހޭ ގޮތުން އަބޭ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އަބޭ ވިދާޅުވި ގޮތުގައި އުތުރުން ޖަޕާން ކަނޑާ ދިމާލަށް ފޮނުވާލީ ބެލިސްޓިސް މިސައިލެކެވެ.

ނަމަވެސް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭއިން ބުނި ގޮތުގައި އެގައުމުން ޓެސްޓު ކުރީ ރޮކެޓް ލޯންޗާއެކެވެ. އަދި އޭގެ ފޮޓޯއެއްވެސް އެގައުމުން އާއްމު ކުރި ނަމަވެސް، އަބޭއަށް އެއީ ކޮން ހަތިޔާރެއްކަން ވަކި ކުރަން އެނގިވަޑައިނުގަތެވެ.

"ފޮޓޯއިން ފެނުނު ނަމަވެސް، މިސައިލަކާއި ރޮކެޓް ލޯންޗް ސިސްޓަމެއް ވަކި ކުރަން ނޭނގުނު ދުނިޔޭގެ ހަމައެކަނި މޮޔައަކީ އަބޭ ކަމަށް ބުނެވިދާނެ. އަބޭއަށް މާ ދުރު ނޫން މުސްތަގުބަލެއްގައި އަސްލު ބެލިސްޓިކް މިސައިލެއް ފެނުން އެކަށީގެންވޭ،" ކޭސީއެންއޭގައި ވެއެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އދގެ ސަލާމަތީ ކައުންސިލުން ވަނީ 2006 އިން ފެށިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތިން ފަހަރަކު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލު ކުރައްވާފަ އެވެ.

ނަމަވެސް ކޮރެއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ހުރިހާ ފިޔަވަޅުތައް އުވާލަން އެގައުމުން ދެކޮޅު ހެދުމުން، ދެ ގައުމުގެ ވާހަކަތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ.

comment ކޮމެންޓް