ބޭނުންވާ ކާމިޔާބު ހޯދެން އޮތީ ކޮރަޕްޝަނަށް މުޅިން ނޫނެކޭ ބުނެގެން: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް "އިންޖިނިއަރިންގ މަހާސިންތާ 2019" ގައި --- ފޮޓޯ/ފެނަކަ

ދިވެހިން އެދިއެދި ތިބި ކާމިޔާބާއި ކުރިއެރުން ހޯދޭނީ އިސްރާފުކުރުން ހުއްޓާލާއި، ކޮރަޕްޝަނަށް މުޅިން ނޫނެކޭ ބުނެގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗްތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން މިއަދު ފެށި "އިންޖިނިއަރިންގ މަހާސިންތާ 2019" ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުރާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތައް ހޯދައިދިނުމަށް ވިސްނަން ޖެހޭ ކަމަށެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން ފައިދާ ނަގަން ފަށައިފި ނަމަ، އެ ހިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްނުދެވޭނެ ކަމަށާއި އެހެންކަމުން ހިދުމަތް ދިނުމުގައި އިހްލާސްތެރިކަމާއި ވަފާތެރިކަން އިސްކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އިސްރާފު ކުރުމުގެ ކަންކަން ހުއްޓާލާ ކޮރަޕްޝަނަށް އަޅުގަނޑުމެން މުޅިން ނޫނެނޭ ބުނަން އެބަ ޖެހޭ. އެނޫން އެއްވެސް ގޮތަކަށް އާޅުގަނޑުމެން ބޭނުންވާ ކާމިޔާބު، އަޅުގަނޑުމެން ބޭނުންވާ ހަމަހަމަކަން، އަޅުގަނޑުމެން ބޭނުންވާ އުފާވެރިކަން ރައްޔިތުންގެ މޫނުމަތިން ދުވަހަކުވެސް ނުފެންނާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީ އެންމެ އިހްލާސްތެރިކަމާއެކު ދެވޭ ހިދުމަތެއްކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރު ކުންފުނިތައް ހިންގުމުގެ ނިޒާމު ރަނގަޅުކޮށް ކުރިން ކަންކަން ހިނގަމުން އައި ކަންކަން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ކުރީ ސަރުކާރުތަކުން ބައެއް ރަށްތަކަށް އިހުމާލުވެފައިވާ ކަމަށާއި، އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކާއި ހިދުމަތްތައް ބަރާބަރަށް ރައްޔިތުންގެ ޝަކުވާއެއް އޭގައި ނޯންނާނެ ފަދަ ހާމަކަން ބޮޑު ގޮތަކަށް ކޮށްދެއްވުން ކަމަށެވެ.

""މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން އޮތީ، މި ސަރުކާރުން ރައްޔިތުން މެދުގައި ތަފާތުކުރުންތަކެއް ނުގެންގުޅޭނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް އާބާދުވެފައި އޮތް ގޮތުން، ހުރިހާ ރަށަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ހުރިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ ހިދުމަތް ނުދިނުމަށް ދައްކާ ބަހަނާއަކަށް ވެގެން ނުވާނެ ކަމަށާއި، އެ ވިސްނުމުގައި ކުރިއަށްދާނަމަ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްނުދެވޭނެކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ ފުރަތަމަ ކަމަކަށް މި ހުރިހާ ކަމެއް އަޅުގަނޑުމެން ބަލައިގެން ހުރިހާ ރަށެއްގެ، ސަރުކާރުގެ ވެސް ސިޔާސަތާއެކު ވަކި ތަފާތުކުރުމެއް ނެތި، ހަމަހަމަ ގޮތަކަށް ހިދުމަތް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކަރަންޓު ދިނުމުގެ ކަންކަން އޮތީ ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ގޮތަށް ކަމަށާއި ސަރުކާރުން ވިސްނުން ގެންގުޅެނީ އެކަން ބަދަލުކުރުމަށެވެ.

"އިންޖިނިއަރިންގ މަހާސިންތާ 2019" ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ފެނަކަ

އެގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބޮޑު ބަޔަކަށް އިޔާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފެއްދި، އޭގެ ފަސޭހަތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެ ބަދަލާއެކު ކަރަންޓުގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މަހާސިންތާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ކަރަންޓު ބޭނުންކުރުމުގައި ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ. އެގޮތުން ކަރަންޓު ބޭނުންކުރުމުގައި ފަރުވާތެރިބވެމ އިސްރާފުކުރުން މަދުކުރުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ފެނަކައިން މިއަދު ފެށި މަހާސިންތާގެ ބޭނުމަކީ ފެނަކައިން ހިދުމަތް ފޯރުކޮށްދޭ ރަށްރަށަށަށް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ރަށްރަށުގައި ގާއިމުކޮށްފައިވާ އިންޖީނުގެތައް ހިންގުމުގައި ފަންނީ ގޮތުން ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާއިމެދު މަޝްވަރާކުރުމަށްޓަކައި ފެނަކައިގެ އިންޖިނިއަރުންނާއި ބްރާންޗްތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި މަހާސިންތާގައި ފެނަކައިގެ 152 ބްރާންޗުގެ ޖުމްލަ 189 ފަންނީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް