ޕާކިސްތާން ވަރުގަދަ، އެކަމަކު ރަނގަޅު ފައިޓެއް ދޭނަން: ބެޑްމިންޓަން ކޯޗު

ގައުމީ އަންހެން ބެޑްމިންޓަން ޓީމުގެ ކޯޗު އިޝްފާން މުހައްމަދު --- ސަން ފޮޓޯ

ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ވޮލީ އިވެންޓްގައި މިއަދު ރާއްޖެ ވާދަކުރާ ޕާކިސްތާނަކީ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ގައުމު ކަމަށާއި އެކަމަކު ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބެޑްމިންޓަން ކޯޗު އިޝްފާން މުހައްމަދު ބުނެފި އެވެ.

ސަރަހްދީ އެންމެ ބޮޑު މުބާރާތް ރަސްމީކޮށް މިއަދު ފަށާ އިރު ގޭމްސްގެ އިވެންޓަތައް ބަހާލާފައިވަނީ ވެރިރަށް ކަތަމަންޑޫއަށާއި ޕޮކަހަރާ އެވެ. ކަތަމަންޑޫގައި މިއަދު ގޭމްސް އޯޕަނިންގް ރަސްމިޔާތު ކުލަގަދަކޮށް ފަށާއިރު ޕޮކަހަރާގައި މިއަދު ހެނދުނު ވަނީ ބެޑްމިންޓަން ފަށައިފަ އެވެ. ފުރަތަމަ މެޗުގައި ނޭޕާލާއި ބަންގްލަދޭޝް ބައްދަލު ކުރި އިރު މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ރާއްޖެއާއި ޕާކިސްތާނެވެ.

މިފަހަރުގެ ގޭމްސްގައި ބެޑްމިންޓަން ފިރިހެން ޓީމު ބައިވެރިއެއް ނުވެއެވެ. ބެޑްމިންޓަން އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީގެ މަޝްވަރާއަށްފަހު އެގޮތަށް ނިންމީ ކުޅުންތެރިންނަށް ލިބިފައި ހުރި ތަމްރީންތަކާއި ތަޖުރިބާއަށް ބަލައި ގޭމްސްގައި ވާދަ ކުރެވޭނެ ފެންވަރު ނެތް ކަމަށް ފާހަގަވާތީ ކަމަށެވެ.

"ޕާކިސްތާނަކީ މިއަދާހަމައަށް ބަލާ އިރު ވެސް ސަރަހައްދީ ގޮތުން ރާއްޖެއަށްވުރެން ވަރުގަދަ ޓީމެއް. އެކަމަކު މިއަދުގެ މެޗުތަކުގައި ރަނގަޅު ފައިޓެއް ދީ މެޗު ކާމިޔާބު ކުރުމުގެ އުންމީދުގައި ކުޅުންތެރިންނާއި މެނޭޖްމެންޓް ވެސް ތިބީ، އަންހެން ބެޑްމިންޓަންގެ ކޯޗު އިޝްފާން މުހައްމަދު ބުންޏެވެ.

އޭނާ ބުނީ މިއަދުގެ މެޗުން މޮޅުވުމުގެ އިންތިޒާރުގައި މުޅި ދިވެހި ރާއްޖެ ވެސް އެބައޮތް ކަމަށާއި މެޗު ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ.

"ކުޅުންތެރިން ފެންނަނީ ވަރަށް މޯޓިވޭޓްކޮށް. ވެދާ ކޮންޑިޝަންގެ އުނދަގުލެއް ދިމާވާނެހެނެއް ހިއެއް ނުވޭ. އެއަށްވުރެން ބޮޑަށް މެޗުން މޮޅުވުމަށް ކުޅުންތެރިން ތިބީ ވިސްނައިގެން ކަމަށް ފާހަގަ ކޮށްލެވޭ."

ރާއްޖޭގެ ކުޅުންތެރިން ވަނީ މިދިޔަ މަހު ޕާކިސްތާނުގައި އޮތް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެގޮތުން މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލް މެޗު ކާމިޔާބުކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ މުބާރާތުން ރަން މެޑަލް ހާސިލްކޮށްފައިވާ އިރު އެ މުބާރާތުގެ އަންހެން ކެޓަގަރީ ޕެއާގައި ނަބާހާއާއި އައިމިނަތު ނަބީހާ ވަނީ ރަނަ މެޑަލް ހޯދައިފަ އެވެ.

އެ މުބާރާތުގެ ތަޖުރިބާއާ އެކު އެ ކުޅުންތެރިންނަށް މިފަހަރުގެ ގޭމްސްގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުންމީދު ކުރާ ކަމަށް ކޯޗު އިޝްފާން ވެސް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް