އުރީދޫއިން ރާއްޖެއަށް "ވައިފައި ކޯލިންގް" ހިދުމަތް ތައާރަފްކޮށްފި

އުރީދޫއިން ވައިފައި ކޯލިންގްގެ ޚިދުމަތް ތައާރަފްކުރުން-- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިފައި މެދުވެރިކޮށް ފޯނުކޮށްލެވޭ "ވައިފައި ކޯލިންގް (ވޮއިސް އޯވާ ވައިފައި) ގެ ހިދުމަތް އުރީދޫއިން ތައާރަފްކޮށްފި އެވެ.

ކަލާ ރަންއާ ގުޅުވައިގެން ރޭ ބޭއްވި އުރީދޫ މިއުޒިކް ފެސްޓިވަލްގެ ތެރެއިން އެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފެއްވީ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.

އެ ހިދުމަތާ ގުޅޭގޮތުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އެ ހިދުމަތް ތައާރަފްކުރުމާއެކު ބްރޯޑްބޭންޑް އަދި ސުޕަނެޓްގެ ވައިފައި ކަނެކްޝަން މެދުވެރިކޮށް ފަސޭހަކަމާ އެކު ފޯނު ކޮށްލެވޭނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން-- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނަމަވެސް މި ހިދުމަތް ބޭނުން ކުރެވޭނީ އައިފޯން 11 އަދި ވާވޭ ޕީ30 ޕްރޯ ފަދަ އެންމެ ފަހުގެ ފޯނުތަކުން ކަމަށް ނަޖީބް ހާން ވިދާޅުވި އެވެ.

"މި ހިދުމަތް ބޭނުންކުރަން އިތުރު އަގެއް އުރީދޫއިން ނުނަގާނެ. މިހާރު ވެސް ފޯނު ކޯލުތަކަށް އުރީދޫއިން ޗާޖުކުރާ އަދަދު މި ހިދުމަތަށް ވެސް ޗާޖުކުރާނީ." ނަޖީބް ހާން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ކުންފުނިތަކުން ތައާރަފްކުރާ މިފަދަ ބޭނުންތެރި ހިދުމަތްތައް ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

"އެންމެ ފަހުގެ ޓެކްނޮލިޖީ، ރައްޔިތުންނާ ހަމައަށް ކައިރި އެހެން ގައުމުތަކަށް ނުލިބޭހާ އަވަސް މިނެއްގައި ލިބިގެންދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް." މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު-- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އުރީދޫއިން ބުނީ މާލެ ފަދަ ކައިރި ކައިރީގައި އިމާރާތްތައް ހުންނަ ތަނެއްގައި މި ހިދުމަތަކީ ވަރަށް ބޭނުންތެރި ހިދުމަތަކަށް ވާނެ ކަމަށެވެ.

ވައިފައި ކޯލިންގްގެ ސަބަބުން ބައެއް ގެތަކާއި އިމާރާތްތަކުގެ އެތެރެއަށް ރޭންޖުގެ މައްސަލަ ދިމާވެގެން ނުގުޅޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

comment ކޮމެންޓް