ސައުތް އޭޝިއަން ގޭމްސް: ނޭޕާލުގެ ހިރަފުހާއި ފިނީގެ ތެރެއިން ރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް

ސައުތް އޭޝިއަން ގޭމްސްއަށް ރާއްޖޭގެ އެތުލީޓުން ނޭޕާޅަށް އައުމަށްފަހު ---

މިއަދު ރަސްމީކޮށް ފަށައި ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތް އޭޝިއަން ގޭމްސްއަށް މުޅި ނޭޕާލް ތައްޔާރުވެފައި އޮތް އިރު ރާއްޖޭއިން ކުޅިވަރުތަކުގައި ވާދަކުރާ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށެވެ. ވެރިރަށް ކަތަމަންޑޫގެ ކޮންމެ މަގަކަށް ނުކުތަސް ފެންނަނީ ގޭމްސްގެ އިސްތިހާރު ބޯޑުތަކެވެ. ނަމަވެސް ގައުމުގެ މޫސުމާއި ފިނިހޫނުމިން ހުރި ގޮތުން ދިވެހި ކުޅުންތެރިންނަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިފަހަރުގެ ގޭމްސްގައި އޮތީ 15 ގޭމެވެ. އޭގެ ތެރެއިން 10 ގޭމްސް އޮންނަނީ ވެރިރަށް ކަތަމަންޑޫގަ އެވެ. ބާކީ ފަސް ގޭމްސް އޮންނާނީ ޕޮކަހަރާގަ އެވެ. މިއަދު ރަސްމީކޮށް މުބާރާތް ފެށި ނަމަވެސް ދެ އިވެންޓެއް މިހާރު ވަނީ ފަށައިގެން ގޮސް ފައިނަލާ ހަމައަށް ކުޅެފަ އެވެ. އެއީ އަންހެން އަދި ފިރިހެން ވޮލީ އިވެންޓެވެ. މި ދެ އިވެންޓް ކުރިން ފެށީ ބާސްކެޓްބޯޅައާ ދެކުޅިވަރު އެއް ކޯޓެއްގައި ކުޅުމަށް ހަމަޖެހިފައިވާތީ ދެ އިވެންޓަށް ވެސް ވަގުތު ދިނުމުގެ ގޮތުންނެވެ.

ގޭމްސްގެ ގިނަ އިވެންޓުތައް ބާއްވާ ކަތަމަންޑޫގައި ކުޅޭ ކުޅުވަރުތަކަކީ އެތުލެޓިކްސް، ބާސްކެޓްބޯޅަ، ބާސްކެޓްބޯޅަ 3 އޮން 3، ކްރިކެޓް (ފިރިހެން)، ފުޓުބޯޅަ (ފިރިހެން)، ސްވިމިންގް، ޝޫޓިން، ޓޭބަލް ޓެނިސް، ޓެނިސް އަދި ވޮލީބޯޅަ އެވެ. ޕޮކަހަރާގައި ކުޅޭނީ ބެޑްމިންޓަން، ފުޓުބޯޅަ (އަންހެން)، ހޭންޑް ބޯޅަ، ބީޗް ވޮލީ އަދި އަންހެން ކްރިކެޓް އެވެ.

ދުވަސްވަރަކީ މުޅި ނޭޕާލަށް ވެސް އާދަޔާ ޙިލާފަށް ފިނި ދުވަސްވަރެކެވެ. ދުވާލުގެ އެންމެ އަވިދޭ ވަގުތު ވެސް ފިނިހޫނުމިން 12 ޑިގްރީސްގައި ހުރެމެ ބައެއް ފަހަރު ދަށަށް ވެސް ދެޔެވެ. މިއީ ރާއްޖޭގެ ހޫނު މާހައުލުގައި ތަމްރީންތަކާއި ފަރިތަކުރުންތައް ހެދި ދިވެހި ކުޅުންތެރިންނަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ކުޅުންތެރިންގެ އެއަށްވުރެން ހާސްވާ ކަމަކީ ނޭޕާލްގެ ހިރަފުސްކަމެވެ. މުޅި މަގުތައް އެކީ އެކައްޗަކަށް ހިރަފުހުން އޮތީ ރަޖާ އަޅާލައިފަ އެވެ. ފެހި ގަސްތައް ވެސް ހުރީ އަޅި ކުލައިގަ އެވެ.

ހިރަފުހޭ ބުންޏަސް މިއީ ވާ ހިރަފުހެކެވެ. ވެރިރަށް ކަތަމަންޑޫގެ ކާރުބާރު ބޮޑެތި މަގުތަކުގައި ހިރަފުހުގެ ބޮޑެތި ރާޅުތަކެއް ހެދިގެން އައިސް ނޭފަތުގެ ކުރިއަށް ބިންދާލާހެން ވެސް ބައެއްފަހަރު ހީވާއިރު މިކަމުގެ އަސަރު މިފަހަރުގެ ގޭމްސްގައި ކުޅުންތެރިންނަށް ކުރާނެ ކަން ޔަގީނެވެ.

ވިންޓާގެ ފިނީގެ އަސަރު މުޅި ނޭޕާލަށް ވެސް އިންތިހާއަށް ކުރަމުންދާ އިރު ރާއްޖެއިން މިހާތަނަށް ވާދަކުރި ވޮލީގެ ދެ އިވެންޓުން ވެސް ވަނީ ކަޓައިފަ އެވެ. ފިރިހެން ޓީމު ދެ މެޗުން ބަލިވެ ގްރޫޕް ސްޓޭޖުން ކެޓި އިރު އަންހެން ޓީމު ސެމީގައި ވާދަކޮށް ބަލިވީ އިންޑިއާ އަތުންނެވެ. މި ދެ އިވެންޓަކީ ވެސް ރާއްޖެއިން މުބާރާތަށް ރަނގަޅައް ތައްޔާރުވި ދެ އިވެންޓެވެ. ނަމަވެސް ކަންދިމާ ކުރި ގޮތުން ނަތީޖާ ނުނެރެވުނީ އެވެ.

ނޭޕާލްގެ ރައްޔިތުންގެ ފަރާތުން ދިވެހި ކޮންމެ އެތުލީޓަކަށް ވެސް އަދި އޮފިޝަލަކަށް ވެސް ލިބެނީ ވަރަށް ފުރިހަމަ މެހެމާންދާރީ އެކެވެ. އެމީހުން ފުރަތަމައިންވެސް ކޮށްލާ ސުވާލަށް "އަހަރެންނަކީ ދިވެއްސެކޭ" ބުނުމުން ހިނިތުންވުމާ އެކު ބުނެލަނީ "ވެލްކަމް ޓު ނޭޕާލް" އެވެ. ދިވެހިންނަށް ވުރެން ދިރިއުޅުމުގެ ހާލަތު ދަށް ނަމަވެސް ނޭޕާލްގެ ގިނަ ރައްޔިތުންގެ މެހެމާންދާރީގެ ރީތި ސިފަ ވަރަށްވެސް ކަމުދެއެވެ.

އިނގިރޭސި ބަހުން ވާހަކަދައްކަން ނޭނގުނު ނަމަވެސް ނޭޕާލުގެ އެންމެން ވެސް ވާހަކަ ދައްކާ ހިންދީ ބަހަކީ ދިވެހީންނަށް ނުހަނު ފަރިތަ ބަހެއް ކަމުން އެމީހުން ދިވެހީންނާ ވަރަށް ގުޅެ އެވެ. އަދި ހާއްސަކަމެއް ވެސް ގެންގުޅޭކަން ފާހަގަކޮށްލެވެއެވެ. އެންމެން ވެސް އިހުތިރާމާ އެކު ވާހަކަ ދައްކާ އިރު އެންމެ ކަމުދިޔަ އެއް ކަމަކީ މަގުމަތީގައި ހިނގާ ބިނގާ އުޅޭ އިރު އެމީހުން ގެންގުޅޭ އަޙުލާގެވެ. ކިތަންމެ އަވަސް އަރުވާލާފައި ތަނަކަށް ދާން ދިޔަސް ކުރިމަތިން އަންނަ މީހާއަށާއި ދެން މަގު ބޭނުން ކުރާ އެއްވެސް މީހަކަށް އުނދަގުލެއް ނުކުރެ އެވެ.

މިކަހަލަ ކިތަންމެ ކަމަކުން ވެސް މިސާލު ނެގިދާނެ އެވެ. ހަމަ ގައިމު ވެސް ނޭޕާލަށް ދިވެހި އެތުލީޓުން މިކުރި ދަތުރަކީ ތަޖުރިބާއިން ފުރިގެންވާނެ ދަތުރެކެވެ.

comment ކޮމެންޓް