ހަރުކަށި ފިކުރާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްކުރަންޖެހޭ: އެމްއާރުއެމް

މޯލްޑިވްސް ރިފޯމް މޫވްމަންޓް ޕާޓީ އުފެއްދުމުގެ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި އެޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހު ސަލާންކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރުކަށި އަމަލުތައް ހިންގާ ފަރާތްތަކަށް ނަސޭހަތްދީ، ގައުމީ ފެންވަރެއްގައި އެ ކަންކަމާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

އިއްޔެ ފާހަގަ ކުރި ރާއްޖެ އިސްލާވި ދުވަހުގެ މުނާސަބަތުގައި ރައްޔިތުނަށް ތަހުނިޔާ ދަންނަވާ މިއަދު އެމްއާރުއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނީ، އިންސާނީ ހައްގުތަކުގެ ނަމުގައި އިސްލާމް ދީނުގެ އުސޫލުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އުޅުމަށް އެކިއެކި ފަރާތްތަކުން ގޮވާލަމުންދާ ކަމަށެވެ. އަދި ހަރުކަށިފިކުރުގެ ޖަމާއަތްތަކުގެ މަސައްކަތްތައްވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރިފައިވާ ކަމަށެވެ.

"އެފަދަ ކަންކަމުގައި މަދުބަޔަކުނަމަވެސް ބައިވެރިވަމުންދާކަމީ ހިތާމަހުރި ކަމެކެވެ. އެފަދަ ޢަމަލުތަށް ހިންގާފަރާތްތައް ހޯދައި، އެފަރާތްތަކަށް ނަސޭހަތްތެރި ވުމަށް ޤައުމީފެންވަރުގައި މަސައްކަތް ކުރުމަށް ގޮވާލަމެވެ،" އެމްއާއެމްގެ ބަޔާނުގައި ބުންޏެވެ.

ޓެރަރިޒަމާ އިސްލާމްދީނާ ގުޅުވައިގެން ބަޔަކު ވާހަކަ ދައްކަމުން ދަނީ އިސްލާމީ އަގީދާ ބަލިކަށިކޮށްލުމަށާއި އެކަމަކު އެފަދަ ދޮގު ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ބައެއް ދިވެހީން އަމަލު ކުރަމުންދާ ކަމީވެސް ހަގީގަތެއް ކަމަށް ބަޔާނުގައި ބުންޏެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލުތަކަކީ އިސްލާމްދީން ކަނޑައެޅިގެން މަނާ ކުރާ ކަންތައްތަކެއް ކަމަށާއި އެފަދަ ތުހުމަތުތަކަކީ ހަގީގަތެއް ނޫންކަން މުޅި ދުނިޔެއަށް ދައްކައިދޭން ޖެހޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

"އިސްލާމްދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި މިފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީންކަމާއި، އަޅުގަނޑުމެން ދުނިޔެއަށް ދައްކައިދޭން ޖެހެނީ އިސްލާމްދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަމާއި، އަދި ހިދާޔަތާއި ތެދުމަގުގެ ދީންކަމެވެ،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށްވެސް ބަޔަކު މަސައްކަތްކުރާ ކަމަށެވެ. އަދި އެ މަސައްކަތްތަކާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެންގެ މެދުގައި މިއޮތް އަޚުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކޮށް، އިސްލާމްދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން ހަނދާން ކުރަންވީ ރާއްޖެ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.

"ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި އަދި ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ އިސްލާމްދީން ކަމެވެ." ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް