އިދިކޮޅުން ގައުމީ ހަރާކަތަށް ނުކުންނަނީ

އިދިކޮޅުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކޯލިޝަނުން ވަނީ ގައުމީ ހަރަކާތެއް ބާއްވާނެ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާއި، ގައުމީ ހަރަކާތެއް ބޭއްވުމަށް އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

ރޭ އެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމް، ޕީއެންސީގެ ޖޮއިންޓް ކައުންސިލު ބައްދަލުވުމުގައި ނިންމާފައިވަނީ، ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ބަލައި ނުގަތުމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ.

މިއަދު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކައުންސިލްގެ ރޭގެ ނިންމުމާ ގުޅިގެން ގިނަ ކަންތައްކަތަކެއް މިހާރު ރޭވިފައިވާ ކަމަށެވެ. އެގޮތުން އަންނަ ބުދަ ދުވަހު ގައުމީ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ގައުމީ ހަރަކާތް ބާއްވާނީ ރާއްޖޭގެ ހުރިހާ ދާއިރާއެއް ތަމްސީލުވާ ގޮތަށް. އޭގައި ތަމްސީލުކުރާނެ މުޅި ރާއްޖެ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގެ 87 ދާއިރާއިން ކޮންމެ ދާއިރާއަކަށް މަންދޫބެއް ގައުމީ ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މި ހަރަކާތް އިންތިޒާމުވެގެން ދާއިރު މުޅި ރާއްޖެ ތަމްސީލުވާން. މުޅި ރާއްޖޭގެ ބަހެއް މީގައި އޮންނަން. ރާއްޖޭގެ ރައްޔިތުން، ރަށްރަށުގެ ރައްޔިތުންގެ ޝުއޫރު މިކަމުގައި ހުރި ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުން،" އަދުރޭ ވިދާޅުވިއެވެ.

ކައުންސިލުގެ ނިންމާ ގުޅިގެން އިތުރު ހަރަކާތެއްގެ ގޮތުގައި މިރޭ މާލޭގައި މުޒާހަރާ ކުރުމަށް ހަމަޖެހިފައިވާކަންވެސް އަދުރޭ ވިދާޅުވިއެވެ. އަދި މުޒާހަރާ އޮންނާނެ ތަން މުޒާހަރާގެ ބައިވެރިންނަށް މެމްބަރުންނަށް ފަހުން މިއަދު މެސެޖު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އަންނަ ހުކުރު ދުވަހު ކާނިވަލުގައި ބޮޑު އެއްވުމެއްވެސް ބޭއްވުމަށް ހަމަަޖެހިފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.

ކައުންސިލުގެ ނިންމުން ތަންފީޒުކުރާ މިންވަރު ބެލުމަށްޓަކައި ކޮމިޓީއެއްވެސް އެކުލަވާލާފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރަށް ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާރު ވަނީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައެވެ.

comment ކޮމެންޓް