ގަތަރުގެ ޚާރިޖީ ވަޒީރު ސިއްރިޔާތުގައި ސައޫދީއަށް ވަޑައިގެންނެވިކަން ހާމަވެއްޖެ

ގަތަރުގެ އަމީރާއި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން

ދަވްޙާ (ނޮވެމްބަރު 30) : ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ދާދިފަހުން ސިއްރިޔާތުގައި ސައޫދީ އަރަބިޔާއަށް ވަޑައިގެންފައިވާ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.

ސައޫދީ އާއި ގަތަރާ ގުޅުން ހުރި އިތުބާރު ހުރި ދެފަރާތަކާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ސައޫދީ އަށް ވަޑައިގަތީ ސައޫދީ އިސްކޮށް އޮވެގެން 2017 ވަނަ އަހަރު ގަތަރާ ދެކޮޅަށް ގަލްފުގެ ބައެއް ގައުމުތަކާއި މިސްރުން އެޅި ފިޔަވަޅުތައް ނިމުމަކަށް ގެންނަން ސައޫދީން ބޭނުންވާކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވާ ވަގުތެއްގަ އެވެ.

ސައޫދީ އިސްކޮށް އޮވެގެން 2017 ވަނަ އަހަރު ގަތަރާ ދެކޮޅަށްއެޅި ފިޔަވަޅުތަކުގެ ތެރޭގައި ގަތަރާ ގުޅުންތައް ކަނޑާލުމާއި ވިޔަފާރީކުރުން ހުއްޓާލުމުގެ އިތުރުން ގަތަރާދެކޮޅަށް ޙިސާރުގެ ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ. މިފިޔަވަޅުތައް ގަތަރާ ދެކޮޅަށް އެޅުމުގައި ސައޫދީއާ ބައިވެރިވެފައި ވަނީ ބަހްރައިންނާއި ޔޫއޭއީ އަދި މިސްރުންނެވެ.

ގަތަރާދެކޮޅަށް މިފިޔަވަޅުތައް އެޅުމަށް ފަހު އެ ހަތަރު ގައުމުން ވަނީ ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތާއި އަރަބި ބައެއް ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ އެގައުމުތަކުގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވެ ހަމަނުޖެހުމާއި ފިތްނަ އުފެއްދުމާއި ސަރަހައްދު ގަޑުބަޑުކުރުމުގައި ފަނާކުރަނިވި ދައުރެއް އަދާކުރާކަމުގެ ތުހުމަތު ގަތަރުގެ މައްޗަށް ކޮށްފަ އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން

ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް އުވާލުމަށް އެ ހަތަރު ގައުމުން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގަތަރުން ޓެރަރިޒަމަށް އެހީތެރިވުން ހުއްޓާލުމާއި އަރަބި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ގަތަރުން ވަންނަ ވަނުން ވެސް ހުއްޓާލައި ގަތަރުގެ އަލްޖަޒީރާ އިން ހިންގާ ޕްރޮޕަގެންޑާތައް ހުއްޓާލުމެވެ. މިއިން އެއްވެސް ޝަރުތަކަށް ގަތަރުން އިޖާބަ ދީފައެއްނުވެ އެވެ.

ގުދްރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ކުޑަ ގައުމެއް ކަމަށްވާ ގަތަރު ވަނީ އެމެރިކާ، ތުރުކީ، ރަޝިޔާ އަދި އީރާނުގެ އެހީތެރިކަމާ އެކު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފިޔަވަޅުތަކަށާއި ސައޫދީއާއި ސައޫދީގެ ބައިވެރިންގެ ޝަރުތުތަކަށް ގޮންޖެހުމުގައި ކާމިޔާބު ހޯދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ އެއްވެސް މަގްސަދެއް ސައޫދީ އާއި ސައޫދީގެ ބައިވެރިންނަށް ޙާސިލް ކުރެވިފައެއް ނުވެ އެވެ.

އަނެއްކޮޅުން މިމުއްދަތުގައި ސައޫދީ އަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ގޮސްފަ އެވެ. އޭގެ ތެޜޭގައި އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ސައޫދީ ނޫސްވެރިއާ ޖަމާލް އަލްޚާޝުގްޖީ ސިއްރިޔާތުގައި އަވަހާރަކޮށްލި ޖަރީމާ ބޭޒާރުވެގެން ދިޔުމާއި ޔަމަންގެ ހަނގުރާމަ ނާކާމިޔާބުވުމާއި ޙޫޘީންގެ ރައްދު ހަމަލާތައް ސައޫދީ ތެލުގެ ޙައްސާސް މަރުކަޒުތަކަށް އަށް އަމާޒުވެ މާއްދީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހުމާއި އެމެރިކާ އިން އީރާނަށް ހަމަލާދީ އީރާން މައިތިރިކުރާނެ ކަމަށް ސައޫދީން ކުރި އުންމީދުތައް ފެނަށް ދިޔުން ހިމެނެ އެވެ.

މީގެ އިތުރުން ސޫރިޔާގެ ހަނގުރާމައިގާ ސައޫދީ އާއި އެމެރިކާ ތާއީދުކުރި ޖަމާއަތްތައް ބަލިވުމާއި ތުރުކީއާއި ސައޫދީގެ ގުޅުންތައް ގޯސްވެގެންދިޔުމަކީ ވެސް ސައޫދީއަށް ކުރިމަތިވެގެން ދިޔަ ގޮންޖެހުމެކެވެ. މީގެ އިތުރުން ސައޫދީން އިސްރާއީލާ އެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ގެންދާކަމުގެ ރިޕޯޓްތަކާ އެކު އިސްލާމީ ދުނިޔޭގައި ސައޫދީގެ އަގު ވެއްޓިގެން ދިޔުމަކީ ވެސް ސައޫދީއަށް ކުރިމަތިވި ބޮޑުމައްސަލައެކެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ސައޫދީ އަށް ކުރެއްވި ސިއްރު ދަތުރުފުޅުގައި ސައޫދީ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރެއްވިކަން ސާފުވެފައެއް ނުވެ އެވެ. ގަތަރުގެ ޚާރިޖީ ވަޒީރު ސައޫދީ އަށް ކުރެއްވި ސިއްރު ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އެދަތުރުފުޅުން ޙާސިލް ކުރެވުނު އެއްވެސް ކަމެއް އެދެގައުމުން ހާމަކޮށްފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް