އިންޑިއާގެ އިގުތިސާދީ ކުރިއެރުން 4.5 ޕަސެންޓަށް ދަށްވެއްޖެ

އިންޑިއާގެ އިގުތިސާދީ ދުވެލި ވަނީ ފާއިތުވި ހަ އަހަރު ތެރޭ ދަށް ނުވާ މިންވަރަކަށް ދަށްވެފައި -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ނޮވެމްބަރު 30): އިންޑިއާގެ އިގުތިސާދީ ކުރިއެރުން ފާއިތުވި ހަ އަހަރު ތެރޭ ދަށް ނުވާ މިންވަރަކަށް، ނިމިގެން ދިޔަ ކުއާޓަރުގައި ދަށްވެއްޖެ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ސްޓެޓިސްޓިކްސް އެންޑް ޕްރޮގްރާމް އިމްޕްލިމެންޓޭޝަން އިން ބުނި ގޮތުގައި މިއަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދޭތެރޭ އެގައުމުގެ އިގުތިސާދު ކުރިއަރާފައި ވަނީ 4.5 ޕަސެންޓަށެވެ. އެއާ އަޅާ ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ގައުމުގެ އިގުތިސާދު ވަނީ ފަސް ޕަސެންޓަށް ކުރިއައިފަ އެވެ. އަދި އޭގެ ކުރީ ކުއާޓަރުގައި 5.8 ޕަސެންޓަށް ކުރިއަރައިފަ އެވެ.

އިންޑިއާގައި ފަހުގެ ތާރީހުގައި އިގުތިސާދީ ދުވެލި ފަސް ޕަސެންޓަށް ވުރެ ދަށްވީ 2013 ވަނަ އަހަރުގަ އެވެ. އެއީ އެ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި 4.3 ޕަސެންޓަށެވެ.

އިންޑިއާގެ އިކޮނޮމިސްޓުން ވިދާޅުވާ ގޮތުގައި އެގައުމުގެ އިގުތިސާދު ކުރިއެރި މިންވަރު ދަށްވީ އުފެންދުންތެރިކަން ކުޑަވުމާއި މުޅި ދުނިޔޭގެ ވެސް އިގުތިސާދީ ކުރިއެރުން މަޑުޖެހެމުންނެވެ. އަދި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އުފެއްދުންތެރިކަމުގެ ސިނާއަތަށް ލޮޅުން އެރީ 2016 ވަނަ އަހަރު ގައުމުގެ ސަރުކާރުން ކުއްލި ގޮތަކަށް ފައިސާގެ ދެ ނޫޓެއް އުވާލުމާއި ޖެހިގެން އައި އަހަރު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފެށުމުންނެވެ.

އިންޑިއާއިން މީގެ ތިން އަހަރު ކުރިން 500 ރުޕީސްގެ ނޫޓާއި 1،000 ރުޕީސްގެ ނޫޓު އުވާލީ ކަޅު ބާޒާރުގައި ފައިސާ ދައުރުކުރުން ހުއްޓުވުމަށްޓަކަ އެވެ.

comment ކޮމެންޓް