ގެއްލިފައިވާ ހައްގުތަކާއި މުދާ ހޯދޭނީ ކެތްތެރިކަން އިސްކޮށްގެން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ފޮޓޯ/ ހޯމް މިނިސްޓްރީ

ވޭތުވެދިޔަ ދުވަސްތަކުގައި ގެއްލިފައިވާ ހައްގުތަކާއި މުދާ އަނބުރާ ހޯދޭނީ ރައްޔިތުން ކެތްތެރިކަން އިސްކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމާއި ދައުލަތުގެ ހަޒާނާއި ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދެވެ. ނަމަވެސް ވެރިކަމަށް އެއް އަހަރު ފުރުނު އިރުވެސް އެ ވައުދު ފުއްދިފައި ނުވުމުން އަކަންކަން ހާސިލްވާލެއް ލަސް ކަން ބައެއް ރައްޔިތުން ފާހަގަކުރެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މެދުގައި އިންސާފު ގާއިމުކޮށް، ހައްގުތައް ކަށަވަރުކުރުމާއެކު ގެއްލިފައިވާ ހައްގުތަކާއި މުދާތައް އަނބުުރާ ހޯދުމަކީ "ކެތްތެރިކަމާއި ހިކުމަތްތެރިކަން" އިސްކޮށްގެން ނޫނީ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

އިމްރާންގެ ޓްވީޓަށް ރައްދުދެއްވައި މީހަކު ވިދާޅުވީ، ލައިޓަރެއް ވަގަށް ނެގި މީހާ ކުޑަ ގޮޅުގެއްގައި ތަޅުން މަތީ ނިދާއިރު، "އެއް މިލިއަން ޑޮރަރު ވަގަށް ނެގި މީހާ ލަގްޒަރީ އެޕާޓްމަންޓެއްގައި ބަންދު ކުރީމަ އެއީ އިންސާފުކަމުގައި ވާނަމަ، ގައުމެއް ނެތް" ކަމަށެވެ.

އިމްރާން އެ ޓްވީޓެއް ރައްދުދެއްވައި ވިދާޅުވީ، އެއީ "ތެދުފުޅެއް" ކަމަށެވެ. އަދި ކެނޑިނޭޅި މަސައްކަތް ކުރައްވަނީ އެކަންކަން ރަނގަޅު ކުރުމަށްކަމަށް އިމްރާން ވިދާޅުވިއެވެ.

ގެއްލުވާލެވައިވާ މީހުންނާއި ނުބެލި ހުރި މަރުތަކަށް އިންސާފު ހޯދައިދިނުމަށާއި އެމްއެއެމްޕީއާރުސީ މެދުވެރިކޮށް ހިނގި 3.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ކަންކަން ބަލައި އެ ފައިސާ ހޯދުމަކީ މި ސަރުކާރުން ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކި އެއް ވާހަކަައެވެ. އެކަންކަން ކުރުމަށް ސަރުކާރުގެ ފުރަތަމަ ދުވަހު ދެ ރިޔާސީ ކޮމިޝަނެއް އެކުލަވާލިއެވެ.

comment ކޮމެންޓް