އަދުރޭ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ކްރިމިނަލް ކޯޓު ސަރަހައްދުގައި އަޑުގަދަ ބޭނުން ކުރައްވައި އިއްޔެ އަދުރޭ ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

މާދަމާ ރޭ 8:00 އިރަށް ފުލުސް އޮފީހަށް ހާޒުރުވުމަށް އަދުރޭއަށް ޗިޓް ފޮނުވާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރެއްވުމުން އެ ސަރަހައްދަށް އެއްވެ އަޑުގަދަކުރާ ބޭނުން ކޮށްގެން ދެއްކި ވާހަކަތަކެއްގެ ސަބަބުންކަމަށް އޭނާއަށް ފޮނުވި ޗިޓުގައި ވެއެވެ.

އެއްވި މީހުންނާ މުހާތަބްކޮށް އަބްދުއްރަހީމް ވިދާޅުވެފައިވަނީ "ފަނޑިޔާރުންގެ ބެންޗުގައި ތިބި ފަސް ބަ**ނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި ޖަލަށް ލާނަމޭ،" މިހެންނެވެ.

ހުތުރު ބަސް ބޭނުންކޮށް، ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިންނެވެ. އަދި އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަން ވެސް ޑީޖޭއޭއިން ބުންޏެވެ. މާދަމާ ރޭ އަދުރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ އެ މައްސަލައިގެ ތަހްގީގަށް ބަޔާން ނެގުމަށްކަމަށް ފުލުހުން ބުންޏެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން ކޯޓުގެ ހުރުމަތް ކަނޑާ މައްސަލަތައް ފުލުހަށް ހުށަހަޅައިގެން ޕީޖީ މެދުވެރިކޮށް ދައުވާ ކުރެވޭނެއެވެ. އަދި އެ ކޯޓެއްގެ އަމިއްލަ އިސް ނެގުމަށްވެސް އެފަދަ މައްސަލަ ބެލޭނެއެވެ.

comment ކޮމެންޓް