ސައުތު އޭޝިއަން ގޭމްސް: ހިތްދަތި ގޮތަކަށް ލަންކާ އަތުން ބަލިވެ ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކަޓައިފި

އޮގަސްޓް، 13، 2019: ރާއްޖެއާއި ލަންކާއާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗްގެ ތެރެއިން: މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ އިތުރުން އދ. ގެ ޒުވާނުންގެ މަންދޫބު ޖަޔާތުމާ ވެސް ވަޑައިގެންނެވި -- ފޮޓޯ/ ރައީސް އޮފީސް

(ކަތުމަންޑޫ، ނޭޕާލް): ނޭޕާލުގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު ގޭމްސް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ވޮލީ އިވެންޓުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ސްރީލަންކާ އަތުން ހިތްދަތިގޮތަކަށް ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު ވާދަވެރި މެޗުގައި ރާއްޖެ އަތުން ލަންކާ ސެޓުތައް ގެންދިޔައީ 18-25، 23-25 އަދި 17-25 އިންނެވެ. މި ނަތީޖާއާ އެކު ރާއްޖެ މުބާރާތުން ކެޓި އިރު ލަންކާއާ އެކު ދެން ގުރޫޕް ބީއިން ސެމީއަށް ދަތުރު ކުރީ ޕާކިސްތާނެވެ. ރާއްޖެ ވަނީ ފުރަތަމަ މެޗުގައި އިއްޔެ ޕާކިސްތާނާ ދެކޮޅަށް ކުޅެ ސީދާ ތިންސެޓުން ބަލިވެފައެވެ.

މިއަދުގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ހަމަހަމަ ކުޅުމެކެވެ. އެއް ޓީމު ޕޮއިންޓު ހޯދާއިރަށް ރައްދުގައި އިދިކޮޅު ޓީމުންވެސް ޕޮއިންޓް ހޯދަމުން ގޮސް ސެޓުގެ ފަހުކޮޅަށް އަޅާލިތަނުން ލަންކާއިން ސެޓު ގެންދިޔައީއެވެ.

ދެވަނަ ސެޓު ފެށިގެން ރާއްޖެއިން މޮޅަށް ކުޅެމުން ދިޔައިރު ލަންކާއިންވެސް ދިޔައީ ދުލެއް ނުދީ އެއްވަރެއްގައި ހިފަހައްޓަމުންނެވެ. އެގޮތަށް ގޮސް އެ ސެޓު ރާއްޖެއަށް ގެއްލުނީ ދެ ޕޮއިންޓުގެ ތަފާތަކުންނެވެ.

ވާދަވެރި ދެ ސެޓުން ލިބުނު މޮޅާއެކު ތިންވަނަ ސެޓަށް ލަންކާއިން ނުކުތީ ތަޖުރިބާއާ އެކުއެވެ. އެ ސެޓު ފަސޭހަކަމާއެކު ލަންކާއިން ގެންދިޔަ ނަމަވެސް ރާއްޖެވެސް ވަނީ ހިތްވަރު ކޮށްފައެވެ.

ރާއްޖެއިން މި މުބާރާތަށް ކުރިމަތިލީ ރަނގަޅު ތަމްރީންތަކަކާއެކުއެވެ. މި އަހަރު ނޭޕާލުގައި އޮތް ސެންޓްރަލް ޒޯނުގެ ކުރިން ރާއްޖޭގައި ސްރީލަންކާއާ އެކު އެކުވެރިކަމުގެ ތިން މެޗު ވަނީ ކުޅެފައެވެ. ނަމަވެސް އެ ތިން މެޗުން ވެސް ރާއްޖެ ބަލިވީއެވެ. އެއަށް ފަހު ސެންޓްރަލްޒޯނުގައި ވާދަކޮށް ރާއްޖެއިން އުންމީދީ ކުޅުމެއް ކުޅެ މުބާރާތުގެ ތިންވަނަ ވަނީ ހޯދައިފައެވެ. ތިންވަނަ ހޮވާ މެޗުން ރާއްޖެ އެފަހަރު ކުރި ހޯދީ ނޭޕާލް ބަލިކޮށްގެންނެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވީ ކުރިން އީރާނާއި ޔުގޮސްލޭވިއާއަށް ކޯޗުކަން ކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު ކޯޗު މިލޮރަޑް ކިޔަޗްއެވެ.

ރާއްޖޭގެ ފިރިހެން ވޮލީ ޓީމު މުބާރާތުން ކެޓި ނަމަވެސް މި ގޭމްސްގެ އަންހެން ޓީމު މިހާރު ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. ސެމީގައި އަންހެން ޓީމު ވާދަކުރާނީ އަވައްޓެރި އިންޑިއާއާއެވެ. މި ގޭމްސްގެ ވޮލީގައި ޖުމުލަ ހަ ޓީމު ބައިވެރިވާ އިރު ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. ދެން އޮތް ގްރޫޕުގައި ހިމެނެނީ ނޭޕާލް، ބަންގްލަދޭޝް އަދި އިންޑިއާއެވެ.

comment ކޮމެންޓް