18 މަސްދުވަަހަށް ފަހު އާސެނަލްގެ ކޯޗު އެމެރީ މަގާމުން ވަކިކޮށްފި

އާސެނަލްގެ ކޯޗަކަށްހުރި އުނޭ އެމެރީ --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 27 ސީޒަނުގައި ވެސް ފެެށުން ގޯސް ނުވާ ދަރަޖައަކަށް އާސެނަލް ވެއްޓުމުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އުނޭ އެމެރީ މަގާމުން ވަކިކޮށްފިއެވެ.

އާސެނަލްގެ ކާމިޔާބު ކޯޗު އާސީން ވެންގާ މަގާމުން އިސްތިއުފާ ދިނުމަށްފަހު އެ މަގާމާއި އެމެރީ ހަވާލުވީ މީގެ ދެ ސީޒަން ކުރިންނެވެ. އޭގެ ފަހުން 18 މަސް ވީ އިރުވެސް ޓީމު ހަމައަކަށް އެޅުވިފައި ނުވުމުން އާސެނަލުން މިއަދު ވަނީ އެމެރީ އެ މަގާމުން ވަކިކޮށްފައިވާ ކަން އިއުލާން ކޮށްފަ އެވެ. އެމެރީ މަގާމުން ވަކިކުރި އިރު އާސެނަލް އޮތީ ލީގު ތާވަލުގެ އަށް ވަނައިގަ އެވެ. އެ ޓީމުން މި ސީޒަނުގައި މިހާތަނަށް 13 މެޗު ކުޅުނު އިރު މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ވެސް އާސެނަލްގެ ފަރާތުން ފެނުނު ދަށް ކުޅުމާ އެކު އެމެރީއަށް ގިނަބަޔަކު ފާޑުކިޔަމުން ދިޔަ އިރު އެ ޓީމު މިއަހަރުގެ ސީޒަން ޗެމްޕިއަންސްް ލީގަށް ވެސް ކޮލިފައިވާ ގޮތެއް ނުވި އެވެ. އެކަމަކު ޓީމު ރަނގަޅު ކުރާނެ ކަމުގެ އުންމީދުގައި ގިނަ ދުވަސްތަކެއް ވަންދެން އެމެރީއަށް އާސެނަލުން ފުރުސަތުތައް ދިނުމަށްފަހު ބޮއްސުންލީ ރޭ ޔޫރޮޕާ ލީގުގައި އެއިންޓްރެކްޓް ފްރެންކްފާޓް އަތުން ބަލިވުމާ ގުޅިގެންނެވެ.

އާސެނަލް ކޯޗުގެ މަގާމުން އެމެރީ ވަކިކުރިކަން މިއަދު ހެނދުނު ކުލަބުގެ ފަރާތުން ރަސްމީކޮށް އެންގީ އާސެނަލްގެ އޯނަރުގެ ދަރިއެއް ކަމަށްވާ ޖޯޝް ކޮރެންކޭއެވެ.

"އަހަރަމެން ބޭނުންވާ ޓާގެޓަށް އެމެރީއާއި އޭނާގެ ޓީމަށް ހާސިލު ވެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތުމުން އޭނާ އެ މަގާމު ވަކިކޮށްފިން،" ޖޯޝް ކޮރެންކޭ ބުނެފައިވެ އެވެ.

އާސެނަލުން އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް މޮޅެއް ލިބިފައި ނުވާ އިރު މިއީ 1992 އަށްފަހު މިފަދަ ދަށް ނަތީޖާއެއް އެކުލަބުން ނެރުނު ފުރަތަމަ ފަހަރެވެ.

އާސެނަލާ އެންމެ ވާދަވެރި ޓޮޓެންހަމުގެ ކޯޗުގެ މަގާމުގައި ހުރި މޯރީސިއޯ ޕޮޗެޓީނޯ ވެސް ވަނީ ސީޒަނުގައި ނެރުނު ދަށް ނަތީޖާތަކާއެކު މަގާމުން ވަކިކޮށްފައެވެ. ޕޮޗެޓީނޯ މަގާމުން ވަކިކޮށް އެ މަގާމަށް ގެނައި ހޯސޭ މޮރީނިއޯ ވަނީ އޭނާ ހަވާލުވި ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ.

comment ކޮމެންޓް