ސައުތު އޭޝިއަން ގޭމްސް އަންހެން ވޮލީ: ރާއްޖޭގެ ބަލިކޮށް ލަންކާއިން ގުރޫޕުގެ އެއްވަނަ ހޯދައިފި

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ އަންހެން ވޮލީ ޓީމާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލުގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު ގޭމްސް ކަމަށްވާ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ވޮލީގައި މިއަދު ރާއްޖެ ތިން ސެޓުން ބަލިކޮށް އަވައްޓެރި ސްރީ ލަންކާއިން ތާވަލުގެ އެއްވަނަ ހޯދައިފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ކުޅުނު މެޗުން ރާއްޖެ އަތުން ލަންކާ ފަސޭހަކަމާ އެކު ސެޓުތައް ގެންދިޔައީ 15-25 އަދި 18-25 ގެ އިތުރުން 14-25 އިންނެވެ. މިއަދުގެ މޮޅާ އެކު ލަންކާ ތާވަލުގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރު ކުރި އިރު ރާއްޖެ ވަނީ ދެވަނައިގައި ސެމީއަށް ގޮސްފަ އެވެ. މި ގުރޫޕުގައި ދެން ހިމެނުނު ޕާކިސްތާން ފަހު ވަގުތު މުބާރާތުގައި ބައިވެރި ނުވާން ނިންމުމުން މިއަދުގެ މެޗަށް ނުކުތް އިރުވެސް ރާއްޖެއަށް ވަނީ ސެމީގެ ޖާގައެއް ޔަގީންވެފަ އެވެ.

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ އަންހެން ވޮލީ ޓީމާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މިއަދު މެޗުގެ ފުރަތަނަ ސެޓު ފެށިގެން ދެ ޓީމުން ވެސް ހަމަހަމައަށް ޕޮއިންޓަ ނަގަމުން އައި އިރު ލަންކާއިން ކުއްލިޔަކަށް ލީޑު ފުޅާ ކޮށްލީ 11 ވަނަ ޕޮއިންޓާ ހިސާބުންނެވެ. އެއަށްފަހު އެ ސެޓު ރާއްޖެ އަތުން ފަސޭހަކަމާ އެކު ގެއްލުނު ނަމަވެސް ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް ވާދަވެރި ކުޅުމެއް ކުޅެފަ އެވެ. އެ ސެޓު ރާއްޖެއަށް ގެއްލުނީ ފަހު ވަގުތު ހެދުނު ބައެއް ގޯސްތަކަކުންނެވެ. ތިންވަނަ ސެޓު ފެށިގޮތަށް ލަންކާއިން ފަސޭހަކަމާ އެކީ މޮޅުވީ އެވެ.

މިއަދު މެޗުން ރާއްޖެ ބަލިވުމާ އެކު ސެމީގައި ބައްދަލު ކުރަން ޖެހޭނީ ގުރޫޕުގެ އެއްވަނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ. ގްރޫޕް އޭގެ ދެވަނައަށް ދިޔައީ ނޭޕާލް އެވެ.

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ އަންހެން ވޮލީ ޓީމާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މި ފަހަރުގެ ގޭމްސް އަންނަ މަހުގެ އެއް ވަނަ ދުވަހު ރަސްމީކޮށް ފަށަން ހަމަޖެހިފައި އޮތް ނަމަވެސް ވޮލީ އިވެންޓުތައް މި މަހުގެ 27 ވަނަ ދުވަހު ވަނީ ފަށައިފަ އެވެ. އެއީ މިފަހަރުގެ ބާސްކެޓް އަދި ވޮލީ އެއް ކޯޓެއްގައި ކުޅޭތީ ބާސްކެޓް އިވެންޓް ފަށަންވާއިރަށް ނިންމާލުމުގެ ބޭނުމުގަ އެވެ. ރާއްޖޭން ވަނީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާން ބަލިކޮށް ސެމީން ފުރުސަތު ހޯދައިފަ އެވެ. އެ ފަހަރު ސެމީން ބަލިވީ ލަންކާ އަތުންނެވެ.

މިފަހަރުގެ މުބާރާތަށް ޓީމު ވަނީ ރަނގަޅަށް ތައްޔާރުވެފަ އެވެ. ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯނުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ފައިނަލުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ ތިން ސެޓުންނެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ ސެމީ މެޗު އޮންނާނީ މާދަމާ ރާއްޖެ ގަޑިން 14:15 ގަ އެވެ.

comment ކޮމެންޓް