ރައީސް ޔާމީން ޖަލަށް: ހިތާމައާއި އުފާވެރިކަމުގެ ޝުއޫރުތަކެއް

ކުރީގެ ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން ހިތާމަފާޅު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވަގުތު ކުޑަތަން ވެއްޖެ. ރައީސް ޔާމީން އަދި ވެސް ވިސްނާ ވަޑައިގެން ގާނޫނީ އިމުގެތެރެއަށް ވަދެ ވަޑައިގަތުން ބުއްދިވެރި. އެހެން ނޫން ނަމަ 23 ސެޕްޓެމްބަރަށް ފަހުގައި އެމަނިކުފާނު ކުރިމަތިލައްވަން ޖެހޭނީ ވަރަށް ދެރަ ވަރަށް އަސަރުކުރުވަނިވި ކަންތައްތަކަކާ،" މިއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް އެއް މަހަށް ވެފައި ވަނިކޮށް އޭރުގެ އިދިކޮޅު ކެނޑިޑޭޓް އަދި އެ އިންތިހާބު ކާމިޔާބުކޮށް މިހާރު ވެރިކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ރ. ދުވާފަރުގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވާ ބަސްކޮޅެކެވެ.

ކޯލިޝަން ސަރުކާރެއްގެ ގޮތުގައި އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަދަދާ އެކު 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ތަސައްވަރަކާ އެކު އެވެ.

އެހެން ނަމަވެސް ދައުރު ދެބައި ނުވެ ކޯލިޝަން ރޫޅި ރައީސް މައުމޫން އާއި އަރިސް އެތައް ފަރާތްތަކެއް ރައީސް ޔާމީންއާ ފެޔަށް ޖެހިވަޑައިގަތެވެ. މައިގަނޑު ދެ ސަބަބެއް ދެއްކުމަށް ފަހު އެވެ. ފިތްކަނޑައިގެން ދާވަރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކުރާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.

ނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް ޖެހެންދެން ވެސް އެ ތުހުމަތުތަކަށް ރައީސް ޔާމީން ގެންދެވީ އިންކާރު ކުރައްވަމުންނެވެ. އަދި ވިދާޅުވަމުން ގެންދެވީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އެސްއޯއެފުން އެ މަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ވޮޑުމުއްލާ އިން ދައުލަތަށް ލިބުނު އެއް މިލިއަން ޑޮލަރުކަން ސާބިތު ނުކުރެވޭ ކަމަށެވެ. އަދި އެ އެެއް މިލިއަން ޑޮލަަރަކީ އެކިއެކި ފަރާތްތަކުން އެ މަނިކުފާނުގެ ކެމްޕޭނަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަތަށްދީފައިވާ ފައިސާ ކަމަށެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ދޫ ބަންދު ކޮށްލި!

ނިމިގެން ދިޔަ ރައީސް ޔާމީންގެ ފަސް އަހަރުގައި ތަރައްގީގެ ބިޔަ ޕްރޮޖެކްޓްތަކެއް ހިންގި އެވެ. ހުދު އޭރުގެ އިދޮކޮޅުން ވެސް އެކަމަށް އިއްތިފާގުވި އެވެ. ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އިދިކޮޅަށް ބަސް ބުނާ ފަރާތްތަކުގެ އަޑު ކަނޑުވާލައި ކޮރަޕްޝަން ބޮޑުވުމުގެ ޝަކުވާ އެވެ.

ކުރީގެ ދެ ރައީސުންނާއި އިދިކޮޅު ދެ ސިޔާސީ ޕާޓީއެއްގެ ލީޑަރުން އެ ވެރިކަމުގައި ޖަލަށް ލުމަށް ހުކުމް ކުރި އެވެ. އޭގެ އިތުރުން ވެސް އިިދިކޮޅު އެތައް ފަރާތެއް 'ފްރޭމް'ކޮށް ޖަލަށްލި ކަމުގެ ތުހުމަތު ވެސް ރައީސް ޔާމީނަށް ވަނީ ކޮށްފަ އެވެ.

އެކަންކަމުގެ ޒިންމާ ނަގަން ޖެހޭނެކަން އިދިކޮޅުން ދިޔައީ މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ވެސް ބުނަމުންނެވެ.

"އެމަނިކުފާނުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައި ހުރި ކަންތައްތަކަކީ އަޅުގަނޑުމެން މިކަހަލަ ޕޯޑިއަމަކަށް ހުއްޓިހުރެ އެއް ރެއަކުން ކިޔޭނެ ކަންތައްތަކެއް ނޫން. ގުނާ އަދަދު ނުކުރެވޭ ވަރުގެ ގާނޫނާ ހިލާފު ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ކުރައްވާފައި އެބަހުރި،" ރިޔާސީ ކެމްޕެއިންގައި އޭރުގެ ރައީސް ޔާމީނަށް ނިސްބަތްކޮށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ވެރިކަމުން ޖަލަށް ދާން ޖެހުމުން ކަރުނައާ އުފަލުގެ ޝުއޫރުތަކެއް!

ފަސް އަހަރު ދުވަހަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރީ އިއްޔެ އެވެ. ހުކުމާ އެކު އެމަނިކުފާނުގެ ސަޕޯޓަރުންގެ ލޮލުން ކަރުނަ ހިލުނެވެ. އަނެއްބަޔަކު އުފާފާޅުކުރި އެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި އެންމެ ބޮޑު ހިތާމައެއް ލިބޭނީ އެމަނިކުފާނުގެ އާއިލާއަށެވެ. އަދި ވެރިކަމުގެ އިއްޒަތާއި ބާރުވެރިކަން ގެއްލި ދިއުމުން ވެސް ދެ ގޮތެއް ނުވެ އަހަރެއްހާ ދުވަހު އެމަނިކުފާނުގެ އަރިހުގައި ތިބި ސަޕޯޓަރުންގެ ލޮލުން ކަރުނަ ހިލި 'ބަޑި ފަޅައިގެން' ދިޔަ މަންޒަރު ވެސް އިއްޔެ ވަނީ ފެނިފަ އެވެ.

ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް ދެކޭ ސަޕޯޓަރުން ވެސް މަދެއް ނޫނެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ކުރިން ވެސް އެމަނިކުފާނު ހިފައި ހަތްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އުޑުއުފުލި މީހުން ވެސް މަދެއް ނޫނެވެ. އަދި އެ ވެރިކަން ނިމި އެމަނިކުފާނުގެ މައްސަލަތައް ތަހުގީގުކޮށް ޝަރުއީ މަރުހަލާ ކުރިއަށްދާ ދުވެލި މަޑުވެގެން ކަންބޮޑުވުންފާޅުކުރި ބަޔަކު ވެސް އުޅުނެވެ. އެ ފަރާތްތަކުން މިއަދު ތިބީ އަތްޖަހާށެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް އެކަމާ އުފާފާޅު ކުރަން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުންޏެވެ. އަދި ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރު ގަދަކުރުމަށް ވެސް ބައެއް ފަރާތްތަކުން ނަސޭހަތްތެރިވި އެވެ.

މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ކުރުމުގެ އަޑުއެހުމަށް ވަޑައިގަތުމަށް ރައީސް ޔާމީން ގެކޮޅުން ނިކުމެވަޑައިގަތް ކާރަށް އަރާވަޑައިގަންނަވާއިރު ސަޕޯޓަރުން އަރިހުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ އިތުރުން އަދިވެސް އެތައް ތުހުމަތުތަކެއް!

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރުން ވެސް އެތައް ތުހުމަތުތަކެއް އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ކުރެވުނެވެ. އަދި ވެރިކަން ގެއްލިވަޑައިގަތުމުން އެ އަޑު އިހުނަށްވުރެން ބާރު ވެސް ވި އެވެ.

"އަމިއްލަ ބަހުން އިއުތިރާވެވަޑައިގެންފައި އެބަހުރި. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ. ގެއަށް ވަތް ފައިސާގެ މައްސަލަ." ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދެވި އަދި މިހާރުގެ ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް