އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިން ރީލޯންޗުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 2017 ވަނަ އަހަރު ފެށި "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިން ރީލޯންޗު ކުރުން -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް 2017 ވަނަ އަހަރު ފެށި "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިން ރީލޯންޗުކޮށްފިއެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމްއެވެ.

މި ކެމްޕެއިނަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އެންޑޯޒްކޮށްޕައިވާ ކެމްޕެއިނެކެވެ.

އެކްސްޕީރިއަންސް މޯލްޑިވްސްގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާތަކާއި ތަފާތު ތަޖުރިބާކޮށްލުމުގެ ފުރުސަތުތަކާއެކު ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމެވެ.

މި ކެމްޕޭނުގެ ދަށުން، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމަށް ހާއްސަ އޮފާތަކެއްތަކެއް ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓުހައުސްތަކުން ދޭނެއެވެ. އަދި އެކި ވިޔަފާރިތަކުންވެސް އެ ފަތުރުވެރިންނަށް ހާއްސަ ޑިސްކައުންޓު ދޭނެއެވެ.

މިއަދު ރީލޯންޗުކުރި ކެމްޕޭނުގައި 27 ރިސޯޓަކުން ބައިވެރިވެއެވެ.

މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެމެރިކަން އެކްސްޕްރެސްއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ކެމްޕޭން ދެވަނަ ފަހަރަށް ކުރިޔަށް ގެންދަން ނިންމީ މި ކެމްޕޭނުގެ ފުރަތަމަ ބުރު ލިބުނު ތަރުހީބަށް ބަލާފައި ކަމަށެވެ.

"އެކްސްޕީރިއަންސް މޯލްޑިވްސްއަކީ ވަރަށް ކާމިޔާބު ކެމްޕޭނެއް. ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް ޒިޔާރަތްކުރުމުގައި މި ކެމްޕޭނުގެ އެހީވެސް ލިބުނުކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުވެސް މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން އައުން،" ޓިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ރާއްޖޭގެ މަޝްހޫރު ރިސޯޓު ހިންގާ ކުންފުނި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޑިރެކްޓަރު އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވީ 2017 ގައި ކުރިއަށް ގެންދިޔަ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނަށްވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

"ރާއްޖެއަކީ ފަތުރުވެރިކަމުގެ ހުރިހާ ޕްރޮޑަކްޓެއް އޮފާކުރާ މަންޒިލެއް. އެމެކްސްގެ 100 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުން އެބަތިބި. މި ކެމްޕޭނާއެކު ރާއްޖޭގެ ވާހަކަ މި ހުރިހާ ކަސްޓަމަރުންނާ ހަމައަށް ދާނެ،"

ނަޒީރު ވިދާޅުވީ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމެރިކަން އެކްސްޕްރެސްގެ ސައުތު އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު އަދި ހެޑް އޮފް ގްލޯބަލް ނެޓްވޯކް ސާވިސް ކްރޫޝް ދަސްތޫރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުގައި މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށާއި މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވާ އެހީތެރިވުމަށް އެމެރިކަން އެކްސްޕްރެސްއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.

"2017 ވަނަ އަހަރު ފެށި މި ކެމްޕޭނުގައި 40 ރިސޯޓާއި ގެސްޓްހައުސް، ހޮޓަލުން ބައިވެރިވި. މީގެ ނަތީޖާއެއްގެ ގޮތުން އިންބައުންޑް ވޮލިއުމް 20 ޕަސެންޓު އިތުރުވި. ރާއްޖެއަށް އިތުރު ކަސްޓަމަރުން [އެމެރިކަަން އެކްސްޕްރެސްގެ] އަންނަން ފެށި. އެވަރެޖުކޮށް ފަތުރުވެރިން ރާއްޖޭގައި ހަރަދުކުރާ ވަރަށްވުރެ، ކެމްޕޭނުގެ ފަހުން ކުރާ ޓްރާންސެކްޝަންގެ ވެލިއުތައް ތިން ގުނަ އިތުރުވި،" ދަސްތޫރު ވިދާޅުވިއެވެ.

އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނާއެކު ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރާ އެމެރިކަން އެކްސްޕްރެސްގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް