އަދުރޭ ގާޒީންނަށް އިންޒާރު ދިނުމުން ޑިޖޭއޭއިން މައްސަލަ ޕޮލިހަށް ހުށަހަޅައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމްކުރި ކްރިމިނަލް ކޯޓުގެ ފަސް ގާޒީންނަށް ނިސްބަތްކޮށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހުތުރު ބަސް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ފުލުހަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި ކުރި ހުކުމުގެ މައުލޫމާތު ލިބުމުން، ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވައިގެން އަދުރޭ ވިދާޅުވެފައި ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށެވެ.

"ފަނޑިޔާރުންގެ ބެންޗުގަ ތިބި ފަސް ބަ**ނަށް ދަންނަވާލަން ބޭނުމީ، ކޮން ވާހަކައެއް ދައްކާކަށް، މިއަދަކު ނޯންނާނެ އެއެއް މިއެއް. އަޅުގަނޑުމެންގެ ވެރިކަމުގައި ޖަލުގެ ކުޑަގޮޅިއަށް ލާނަމޭ،" އަދުރޭ ކޯޓުގެ ބޭރުގައި ހުރެ އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ހުކުމްކުރި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންނަކީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޑީޖޭއޭގެ ތަރުޖަމާނު ފައިސަލް އާދަމް "ސަން"އަށް ވިދާޅުވީ އަދުރޭގެ ވާހަކަތަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން ކޯޓުގެ ހުރުމަތް ކަނޑާ މައްސަލަތައް ފުލުހަށް ހުށަހަޅައިގެން ޕީޖީ މެދުވެރިކޮށް ދައުވާ ކުރެވޭނެއެވެ. އަދި އެ ކޯޓެއްގެ އަމިއްލަ އިސް ނެގުމަށްވެސް އެފަދަ މައްސަލަ ބެލޭނެއެވެ.

މިއަދު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއްކޮށްފައެވެ. އޭގެ އިތުރުން އެ ހުކުމުގައި ވަނީ އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރީމާނާވެސް ކޮށްފައެވެ.

comment ކޮމެންޓް