ރައީސް ޔާމީންގެ ހުކުމާއި ފަހެއްގެ އިއްތިފާގު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ދުވަސްވަރު ކެމްޕޭން ހަފްލާއެއްގައި-- -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސް ވަނަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް މިއަދު މި ވަނީ އިއްވައިފަ އެވެ. އެކި ގޮތްގޮތުން އެ ހުކުމާ ގުޅޭ ވާހަކަތައް މީސް މީހުން އަނބުރައިގެން އެބަދައްކަ އެވެ. އެންމެ އަޑު ގަދަ އަދި ޝައުގުވެރި ވާހަކަ އަކީ، އެމަނިކުފާނުގެ ޝަރީއަތާއި ނަމްބަރު ފަހަކާއި އޮތް އިއްތިފާގުގެ ވާހަކަ އެވެ.

ފެހި ގާނޫނު އަސާސީ ވުޖޫދު ވުމަށް ފަހު ފުރަތަމަ ފަހަރަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސް ޔާމީންގެ މައްޗަށް އުފުލި ލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވީ ފަސް ލައްކަ ޑޮލަރުގެ ދެ ޗެކުންނެވެ.

އެ މައްސަލައިގައި ހުކުމް ކުރަން އެންމެ ފުރަތަމަ ތާވަލު ކުރީ ނޮވެމްބަރު ފަސް ވަނަ ދުވަހަށެވެ. އެމަކަކު އެ ދުވަހު ހުކުމް ކުރެވޭ ގޮތް ނުވީ އެވެ. އެއީ އޭރު މައްސަލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް ކުއްލިއަކަށް ޖޭއެސްސީއިން ސަސްޕެންޑު ކުރުމުންނެވެ.

އެކަމާ ގުޅިގެން ޔާމީންގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެކުލަވާލީ ފަސް ފަނޑިޔާރުންގެ ބެންޗެކެވެ. އެ ބެންޗުން މިއަދު ހުކުމް ކުރީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާށެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރީމާނާ ކުރާށެެވެ. މިއީ މުޅިންވެސް އިއްތިފާގެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އިންތިހާބުވީ 2013 ވަނަ އަހަރު އެވެ. އެމަނިކުފާނުގެ ސިޔާސީ އެންމެ ބޮޑު އެއް ވާދެވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް ކުރީވެސް 13 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ކުރީވެސް މަހެއްގެ 13 ވަނަ ދުވަހު އެވެ.

މި ކަންކަމާ ހުރެ އެމަނިކުފާނާ ނަމްބަރު 13އާ ހާއްސަ ގުޅުމެއް އޮންނަ ކަމަށް މީހުން އޭރު ކިޔާ އުޅުނެވެ. އެއީ އެމަނިކުފާނުގެ "ލަކީ" ނުވަތަ ނަސީބުވެރި ނަމްބަރު ކަމަށް ގަބޫލު ކުރައްވައިގެން އުޅުއްވި ކަމަށް ކިޔަ އެވެ. އެހެން ކަމަށްވާނަމަ، އެމަނިކުފާނަށް މިއަދު އިއްވި ބޮޑު ހުކުމާއި ފަހަކާ ހުރި ތިމާގެކަން ބައެއް މީހުން ސިފަކުރަނީ، އެއީ އެމަނިކުފާނުގެ ބަދު ނަސީބު ނަމްބަރުގެ ގޮތުގަ އެވެ.

comment ކޮމެންޓް