މޯލްޑިވިއަންގެ މާފަރު ދަތުރުތަކަށް ކޮޅަކަށް 750 ރުފިޔާ

މާފަރު އެއާޕޯޓު -- ސަން ފޮޓޯ

ނ. މާފަރުގައި ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން މާފަރު އެއާޕޯޓަށް ދަތުރު ފަށަން އެ އެއާލައިނުން ތައްޔާރުވެފައިވާ ކަމަށެވެ. މާފަރު ދަތުރު އެއްކޮޅު ޓިކެޓުގެ އަގަކީ 750 ރުފިޔާ އެވެ.

މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ ރައީސް ޔާމީންގެ ސަރުކާރުގައި، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށެވެ. ނަމަވެސް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައް ފުރިހަމަ ނުވެ ހުރުމުގެ ސަބަބުން އެ އެއާޕޯޓު ހުޅުވުން އެކިފަހަރު މަތިން ފަސް ކުރީއެވެ.

އެނގިފައިވާ ގޮތުގައި މާފަރު އެއާޕޯޓު މެނޭޖުކުރާނީ އައިލެންޑް އޭވިއޭޝަނުންނެވެ.

comment ކޮމެންޓް