ސައުތު އޭޝިއަން ގޭމްސް: މެޗެއް ނުކުޅެ އަންހެން ވޮލީ ޓީމް ސެމީއަށް

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖެ އާއި ނޭޕާލް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ނޭޕާލްގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީގައި އެއްވެސް މެޗެއް ނުކުޅެ ސެމީ ފައިނަލުގެ ޖާގައެއް ރާއްޖެއަށް ކަށަވަރު ވެއްޖެ އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި އިއްޔެ ކުޅެން އޮތް ގްރޫޕް ބީގެ މެޗުގެ ކުރިން ރާއްޖެއާ ބައްދަލުކުރަން އޮތް ޕާކިސްތާނުން ވަނީ މުބާރާތުގައި ނުކުޅެން ނިންމާފަ އެވެ. ރާއްޖެ އާއި ޕާކިސްތާނުގެ އިތުރުން މި ގްރޫޕްގައި ދެން އޮތީ ސްރީ ލަންކާ އެވެ. އެހެން ކަމުން ރާއްޖެ އާއި ލަންކާ މިހާރު ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ.

މި ފަހަރުގެ ގޭމްސް އަންނަ މަހުގެ އެއް ވަނަ ދުވަހު ރަސްމީކޮށް ފަށަން ހަމަޖެހިފައި އޮތް ނަމަވެސް ވޮލީ އިވެންޓުތައް އިއްޔެ ވަނީ ފަށައިފަ އެވެ. އެގޮތުން ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ މެޗު އިއްޔެ ކުޅެން އޮތް އިރު ފިރިހެން ޓީމު ވަނީ މިއަދު މެޗު ކުޅެފަ އެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅެ ފިރިހެން ވޮލީ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. އެހެން ނަމަވެސް ދެން އޮތް މެޗުގައި ސްރީ ލަންކާ ބަލިކޮށް ސެމީއަށް ދިއުމުގެ ފުރުސަތު އަދި ވެސް ރާއްޖެއަށް އެބައޮތެވެ.

އަންހެން ވޮލީ ޓީމަށް ދެން އޮތީ އެއްވައިގެ ގޮތުގައި ސެމީއަށް ދިއުމެވެ. ލަންކާއާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ އެއްވަނަ ލިބޭ އިރު ގްރޫޕް އޭއިން ސެމީއަށް ދާނެ ކަމަށް ބެލެވެނީ ނޭޕާލް އާއި އިންޑިއާ އެވެ. ރާއްޖެއާ ލަންކާ ބައްދަލު ކުރާ މެޗު އޮންނާނީ މާދަމާ މެންދުރެވެ.

ރާއްޖޭން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ގޭމްސްގައި ވަނީ ޕާކިސްތާން ބަލިކުރުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

މިފަހަރުގެ މުބާރާތަށް ޓީމު ވަނީ ރަނގަޅަށް ތައްޔާރުވެފަ އެވެ. ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯނުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ފައިނަލުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ ތިން ސެޓުންނެވެ.

comment ކޮމެންޓް