އިރާގުގެ ނަޖަފްގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގައި ހުޅުޖަހައި އަންދާލައިފި

ނަޖަފްގައި ހުންނަ އީރާނުގެ ކޮންސިއުލޭޓްގައި ހުޅުޖަހާފައި--

ނަޖަފް (ނޮވެމްބަރު 28) : އިރާގުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން އެގައުމުގެ ދެކުނުގެ ނަޖަފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އިމާރާތުގައި ހުޅުޖަހައި އެތަން އަންދާލައިފި އެވެ.

އިރާގުގެ ފުލުހުން ބުނާ ގޮތުން ނަޖަފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އަންދާލީ މުޒާހަރާކުރާ މީހުންގެ ތެރެއިން ބަޔަކު އެ ތަނަށް ގަދަބާރުން ވަދެ އެތެރޭގައި ހުޅުޖަހައިގެންނެވެ. އީރާނުގެ ކޮންސިއުލޭޓު ތެރެއަށް ވަދެގަތް މީހުން އަޑިގަދަކޮށް އިރާގުން އީރާނުގެ ނުފޫޒު ކަނޑުވާލުމަށާއި އިރާގު ސަރުކާރަށް އީރާނުން ކުރާ ތާއީދު ހުއްޓުމަކަށް ގެނައުމަށް ގޮވަމުން ދިޔަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިރާގު ބޮޑުވަޒީރު އާދިލްއަބްދުލްމަހްދީ އާއި އޭނާގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކުރާ ފަރާތްތަކުން ގެންދަނީ ސަރުކާރު ދަމަހައްޓަނީ އީރާނުން ކަމަށް ތުހުމަތުކޮށް އެ މީހުންގެ ރުޅި އީރާނަށް ވެސް އަމާޒު ކުރަމުންނެވެ. މިރުޅީގައި މުޒާހަރާކުރާ މީހުންވަނީ ކަރުބަލާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ވެސް މި މަހުގެ ކުރީކޮޅު ހަމަލާތަކެއް ދީފަ އެވެ.

ނަޖަފްގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އަންދާލުމާ އެކު އިރާގުގެ ސަލާމަތީ ބާރުތަކުންވަނީ އެއްގަމު އުޅަނދުތައް ނަޖަފަށް ވަނުމާއި ނުކުތުން މަގުތީގޮތުން މަނާކޮށް އެސިޓީގައި ކާފިއު ހިންގާފަ އެވެ. މީގެ ދެމަސްކުރިން އިރާގުގެ ކަންކޮޅުތަކުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް އާންމުން ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 339 މީހުން މަރުވެފައިވާއިރު ދޮޅު ހާހެއްހާ މީހުންވަނީ ޒަހަމްވެފަ އެވެ. މިއީ އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް ގަދަބާރުން އަރައި އެގައުމުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލިފަހުން އިރާގުގައި ހިނގަމުންދާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ.

އިރާގުގައި މުޒާހަރާތައް ފެށުނީ އެގައުމުގައި ކޮރަޕްޝަން އާންމުވެ އިގްތިސާދު ހީނަރުވެ އާންމު ޚިދްމަތްތަކުގެ ފެންވަރު ދަށަށް ގޮސް ވަޒީފާގެ ފުރްސަތު ނެތުންފަދަ ބޮޑެތި މައްސަލަތެއް ތަހައްމަލްކުރަން ރައްޔިތުންނަށް ޖެހުމާ ގުޅިގެންނެވެ. ނަމަވެސް އެ މުޒާހަރާތައް މިހާރުވަނީ، ބޮޑުވަޒީރު އާދިލް އަބްދުލްމަހްދީ އާއި އޭނާގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާތަކަކަށް ބަދަލުވެގެން ގޮސްފަ އެވެ.

މުޒާހަރާކުރާ ފަރާތްތަކުން އެދޭ މައިގަނޑު އެދުމަކީ ސަރުކާރު އިސްތިއުފާދީ ޕާލަމެންޓް އުވާލުމަށް ފަހު އަލުން އާންމު އިންތިޚާބެއް ބާއްވައިގެން އައު ޕާލަމެންޓެއް އެކުލަވާލައި އެއާއެކު އައު ސަރުކާރެއް ވެސް އެކުލަވާލުމަށެވެ. ނަމަވެސް އިރާގުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ޚިލާފްތަކާ ގުޅިގެން އެކަމަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު