ހަޔާ އެޑިއުކޭޝަނުގެ ކޯޕަރޭޓް ސްކޯލާޝިޕް ސުކީމުގައި ބީއެމްއެލް ބައިވެރިވެއްޖެ

ކޯޕަރޭޓް ހަޔާ އެޑިއުކޭޝަން ސްކީމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވުން --- ސަމް ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރުން ކުރިއަށް ގެންދާ ކޯޕަރޭޓް ހަޔާ އެޑިއުކޭޝަން ސުކީމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވެއްޖެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޭންކާއި ހަޔާ އެޑިއުކޭޝަން އާއި ދެމެދު ވަނީ ސްކޯލާޝިޕް ސްކީމުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ވިދާޅުވީ ގައުމެއްގެ ތަރައްގީގައި މަތީ ތައުލީމު ހާސިލްކޮށްގެން ތިބި ހިދުމަތްތެރިންގެ ދައުރު ބޮޑުކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ކޯޕަރޭޓް ސްކޯލާޝިޕް ސުކީމުގެ ދަށުން ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސުކޯލާޝިޕްތަކުގައި ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މިހާރު ވެސް ތަރައްގީވެފައިވާ ގައުމުތަކުގައި ޑިސްކައުންޓު ރޭޓުތަކުގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ފަހިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ އަމާޒަކީ، ރާއްޖެއިން ބޭރުން ހޯދާފައިވާ މަތީ ތަޢުލީމާއި ތަމްރީނުގެ އެކި ފުރުސަތުތަކުގެ ދަށުން، ދަރިވަރު ކުރަން ޖެހޭ އިތުރު ހަރަދުތައް ކޯޕަރޭޓް ޕާޓްނަރު މެދުވެރިކޮށް ހޯދައިދިނުމެވެ.

މިއާ އެކު ކޯޕަރޭޓް ޕާޓްނަރުންގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެއެވެ. ކޯޕަރޭޓް ޕާޓްނަރުން ސްޕޮންސާކޮށްގެން ކިޔަވާ ދަރިވަރުންނަކީ ކޯޕަރޭޓް ޕާރޓްނަރުންނަށް އެކުންފުންޏެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ދަރިވަރުންނެވެ.

ކޯޕަރޭޓް ސްކީމް ތައާރަފުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

މި ސްކޮލާޝިޕްގެ ފުރުސަތުތަކުގައި ބައިވެރިވުމަށް އާއްމުކޮށް އިއުލާނުކުރާނީ ޖެނުއަރީ 2020 އިންފެށިގެންނެވެ.

މި ސްކީމުގެ ޕާޓްނަރުންގެ ގޮތުގައި ބޮޑެތި ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް