ހޮންކޮންގެ މުޒާހަރާތަކާ ގުޅުން ހުރި ބިލް ޓްރަމްޕް ތަސްދީގު ކުރައްވައިފި

ހޮންކޮންގައި މުޒާހަރާ ކުރާ މީހުންނަށް ހިތްވަރުދޭ ބިލެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަސްދީގު ކުރައްވާފަ -- ފޮޓޯ: ޒިންހުއާ

ވޮޝިންޓަން (ނޮވެމްބަރު 28): ހޮންކޮންގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ތާއިދުކޮށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރި ބިލެއް ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފި އެވެ.

ހޮންކޮން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ އެކްޓްގެ ނަން ދީފައިވާ އެ ބިލުގައި ވަނީ، ޗައިނާއިން ހޮންކޮންގެ މަދަނީ މިނިވަން ކަމަށް އަރައިގަންނަތޯ އާއި އެސަރަހައްދުގެ ގާނޫނީ ވެރިކަމަށް ބާރު ފޯރުވާތޯ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ކޮންމެ އަހަރަކު ބަލަން އަންގައިފަ އެވެ. އަދި ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަ ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ ސުލްހަވެރި މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ ހޮންކޮންގެ މީހުން އެމެރިކާގެ ވިސާއަށް އެދޭ ނަމަ، ވިސާ ދޭނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ރައީސް ޓްރަމްޕް ވަނީ ހޮންކޮންގެ ފުލުހުން މުޒާހަރާތައް ރޫޅާލުމަށް ބޭނުންކޮށްފާނެ އެމެރިކާގެ ކަރުނަ ގޭހާއި ރަބަރު އުންޑަ ފަދަ ތަކެތި އެސަރަހައްދަށް އެކްސްޕޯޓު ކުރުން ހުއްޓުވާ ބިލެއް ވެސް ތަސްދީގު ކުރައްވައިފަ އެވެ.

"އަޅުގަނޑު އެބިލުތަކުގައި ސޮއި ކުރީ ރައީސް ޝީ އާއި ހޮންކޮންގެ ރައްޔިތުންނަށް އިހުތިރާމު ކުރާތީ. އެ ބިލުތައް ތަސްދީގު ކުރީ ޗައިނާ އާއި ހޮންކޮންގެ ލީޑަރުންގެ ހިޔާލު ތަފާތުވުންތައް ހައްލު ކުރެވި، އޭގެ ސަބަބުން ސުލްހަވެރިކަމާއި ތިޔާގިކަމަށް މަގުފަހިވާނެ ކަމުގެ އުއްމީދުގައި،" ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް ޗައިނާއިން ވަނީ އެގާނޫނާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށް، އެއީ އެގައުމުގެ ކަންތައްތަކުގެ ތެރެއަށް އެމެރިކާއިން ވަނުން ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ކަމަށް ބުނެފަ އެވެ.

ހޮންކޮންގައި މިދިޔަ ޖޫން މަހު ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަން ފެށީ އެސަރަހައްދުގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރުމަށް ފުރުސަތުދޭ ބިލެއް ޕާލިމެންޓަށް ހުށަހެޅުމުންނެވެ. އަދި ހޮންކޮންގެ ސަރުކާރުން ފަހުން އެބިލް އަނބުރާ ގެންދިޔަ ނަމަވެސް، އެ މުޒާހަރާގެ ބައިވެރިން ދަނީ ހޮންކޮންއަށް ދީފައިވާ ބާރުތައް އިތުރު ކުރުމަށް ގޮވާލާ އެއްވުންތައް ބާއްވާމުންނެވެ.

އެ މުޒާހަރާތައް ފެށުނު ފަހުން ހޮންކޮންގައި ބޭއްވި ފުރަތަމަ އިންތިހާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓުން ވަނީ އެސަރަހައްދުގެ 18 ޑިސްޓްރިކްޓު ކައުންސިލްގެ ތެރެއިން 17 ކައުންސިލްގެ ކޮންޓްރޯލު ހޯދައިފަ އެވެ. އަދި ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ ރައްޔިތުން ސަރުކާރާ މެދު ހިތްހަމަނުޖެހިފައިވާ މިންވަރު އެ ނަތީޖާއިން އެނގިފައިވާ ކަމަށާއި މީގެ ފަހުން ސަރުކާރު ހިންގުން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް